ޑްރޯނެއް އީޖާދުކޮށްގެން 13 އަހަރުގެ ކުއްޖަކު ރިކޯޑެއް ހަދައިފި
ޑްރޯނެއް އީޖާދުކޮށްގެން 13 އަހަރުގެ ކުއްޖަކު ރިކޯޑެއް ހަދައިފި

އުމުރުން އެންމެ 13 އަހަރުގެ ފިރިހެން ކުއްޖަކު ޑްރޯނެއް އީޖާދުކޮށްގެން ރެކޯޑެއް ހަދައިފި އެވެ.

އިންޑިއާގެ ލޫދިއާނާ ސްޓޭޓުގެ އަރިޔަމަން ވަރްމާ އީޖާދުކުރި ކްއަޑްކޮޕްޓަރަކީ 70 ފޫޓް މަތިން އުދުހުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެކެވެ. އޭނާގެ މި އުފެއްދުމަށް އިންޑިއާގެ ރެކޯޑް ފޮތުން ޖާގަ ކަށަވަރުވެ، އާއިލާ އިން މިހާރު އަންނަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދަން މަސައްކަތް ކުރަމުންނެވެ.

އަރިޔަމަންގެ މަންމަ ބުނި ގޮތުގައި ދަރިފުޅާ ބެހޭ މައުލޫމާތު މިހާރު ވަނީ ގިނިސް ވޯލްޑް ރިކޯޑަށް ފޮނުވައިފަ އެވެ.

"އަހަރެމެން ވަރަށް އުންމީދު ކުރަން ޑްރޯންއެއް އުފެއްދި އެންމެ ހަގު ކުއްޖާގެ ގޮތުގައި އަރިޔަމަންގެ ނަން ދުނިޔޭގެ ރެކޯޑް ފޮތަށް އަރާނެ ކަމަށް،" އޭޝިއަން ނިއުސް އިންޓަނެޝަނަލް (އަނީ) އަށް އޭނާ ބުންޏެވެ.

އަރިޔަމަންގެ މަންމަ ކިޔައި ދިން ގޮތުގައި އޭނާގެ ދަރިފުޅަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާކުރަން ޝައުގުވެރިވާ ކުއްޖެކެވެ. އަދި ޑްރޯނެއް އީޖާދުކުރުމާ ހަމައަށް އޭނާގެ ވިސްނުން ފޯރީ އެކިއެކި އެއްޗެހި ރޫޅައިގެން ހަދަން އޮންނަ ޝައުގުގެ ތެރެއިން ކަމަށް ބުންޏެވެ.

"އަރިޔަމަންގެ ކަމަކީ އަބަދުވެސް ކޮންމެ ވެސް އިލެކްޓްރިކް އެއްޗެއް ރޫޅާލައިގެން، އާ އެއްޗެއް ހެދޭތޯ މަސައްކަތް ކުރުން،" އޭނާގެ މަންމަ ބުންޏެވެ.