ރޮނާލްޑޯ ދެކެ ޖެހިލުންވޭ: ހެއިންކެސް
ރޮނާލްޑޯ ދެކެ ޖެހިލުންވޭ: ހެއިންކެސް

މިއުނިކް (އޭޕްރީލް 14) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭއިރު އެންމެ ޖެހިލުންވަނީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެކެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ޔުޕް ހެއިންކެސް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ބަޔާން މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓީ ރެއާލް އަތުންނެވެ. އެ ފަހަރު ރޮނާލްޑޯ ވަނީ ބަޔާން ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ.

"އަހަރެން އުއްމީދުކުރަނީ އެ މެޗު ކުޅޭ ދުވަހަކީ ރޮނާލްޑޯ އަށް ރަނގަޅު ދުވަހަކަށް ނުވާނެކަމަށް،" ކުރިން ރެއާލަށް ކޯޗުކޮށްދިން ހެއިންކެސް ބުންޏެވެ.

"ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯއާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް. އޭނާ އެ އަންނަނީ ކޮންމެ ޓީމަކާ ދެކޮޅަށް ތަފާތު ދައްކަމުން. ހަގީގަތަށް ބުނަންޏާ ކޮންމެ ޓީމަކުން ވެސް ރޮނާލްޑޯއާ މެދު ވިސްނާނެ. އޭނާ ދެކެ ޖެހިލުން ވެސް ވާނެ،" ހެއިންކެސް ބުންޏެވެ.

ރެއާލަކީ އެންމެ ފަހުން ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމެވެ. ރެއާލުން މި ފަހަރު މުބާރާތް ކާމިޔާބު ކުރުމަށް އަމާޒު ހިފާފައިވާއިރު، ޖެހިޖެހިގެން ތިން ފަހަރު މި މުބާރާތް އެންމެ ފަހުން ކާމިޔާބު ކުރުމުގެ ރެކޯޑް އޮތީ ބަޔާން އަތުގަ އެވެ. އެއީ މީގެ 43 އަހަރު ކުރިންނެވެ.

"މިސާލަކަށް ބަލަމާ ބޮޑު ހަރަދުތައް ކޮށްގެން މި މުބާރާތުގައި އެބަކުޅޭ ޓީމުތަކުން. ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ. އެކަމަކު ކާމިޔާބެއް ނުލިބޭ. ޗެމްޕިއަންސް ލީގަކީ އެހެން ލިބޭ އެއްޗެއް ނޫން. އަހަރުން އަހަރަށް ވިސްނުން ބަދަލުކޮށް ކަންތައްތަކެއް ތަރައްގީ ކުރަން ޖެހޭ،" ހެއިންކެސް ބުންޏެވެ.

މި ސީޒަނުގައި ހެއިންކެސް ބަޔާނާ ހަވާލުވީ ސީޒަންގެ ކުރީކޮޅުގައި އެ ޓީމުން ކާލޯ އަންޗެލޮޓީ މަގާމުން ދުރު ކުރުމުންނެވެ. ހެއިންކެސް ހަވާލުވީ މި ސީޒަނުގެ ނިޔަލަށެވެ. އަންނަ ސީޒަނުގައި ބަޔާނަށް އިރުޝާދުދޭނީ މިހާރު އެއިންޓްރެކް ފްރޭންކްފާޓްގައި ހުރި ކްރޮއޭޝިއާގެ ނިކޯ ކޮވަޗް އެވެ. އޭނާ އަކީ ކުރިން ބަޔާނަށް ކުޅުނު ކުޅުންތެރިޔެކެވެ.