14 އެޕްރީލް 2018 - 08:29

ބާސެލޯނާ (އޭޕްރީލް 14) - ބާސެލޯނާ އަކީ އަބަދުވެސް ކުރިއަށް ވިސްނާ ޓީމެއް ކަމަށާއި މާޒީވެފައިވާ ކަންތައްތަކަށް ފަސް އެނބުރި ނުބަލާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި 4-1 އިން ރޯމާ އަތުން މޮޅުވެފައިވަނިކޮށް ބާސެލޯނާ މުބާރާތުން ކެޓީ ދެ ވަނަ ލެގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ ރޯމާ ދަނޑުގައި 3-0 އިން ބަލިވުމުންނެވެ. އެ ނަތީޖާއާ އެކު ބާސެލޯނާ ކުޅުންތެރިންނަށް ލިބުނު މާޔޫސްކަން އެ މެޗަށް ފަހު އެ ކުޅުންތެރިންގެ މޫނުމަތިން ފެނިގެންދިޔަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ނުލިބި ބާސެލޯނާ ޖެހިޖެހިގެން ކެޓި ތިން ވަނަ ފަހަރެވެ.
ބާސެލޯނާގެ ކޯޗު ވަލްވޭޑޭ ބުނީ އަމާޒަކީ ކުރިއަށް އޮތް މެޗުތަކަށް ވިސްނުން ކަމަށެވެ.
"ފަސް އެނބުރި ބެލުމަކީ ބޭކާރުކަމެއް. އެއީ ބާސެލޯނާ އިން ކުރާ ކަމެއް ވެސް ނޫން. މިހާރު ފޯކަސް ކުރަންވީ ކުރިއަށް އޮތް މެޗުތަކަށް. އަހަރެމެންނަށް ދެ މުބާރާތް އެބައޮތް. ސަޕޯޓަރުންގެ އެހީއާ އެކު މި ތަށި ހޯދަން ބޭނުން،" ވަލްވޭޑޭ ބުންޏެވެ.
ވަލްވޭޑޭ ބުނީ ޗެމްޕިއަންސް ލީގުގެ ނަތީޖާ އެހެން ނުކުތް ކަމުގައިވިޔަސް ބާސެލޯނާގެ ބޯޑުގެ ފުރިހަމަ އިތުބާރު އޭނާ އަށް އެބައޮތް ކަމަށެވެ. އަދި ރޯމާ މެޗަށް ފަހު ކުޅުންތެރިންގެ ހިތްހަމަ ނުޖެހުންތަކެއް އޭނާއާ މެދު ހުރި ކަމަށް ދެކެވުނު ވާހަކަ ތަކުގައި ހަގީގަތެއް ނެތް ކަމަށް ބުންޏެވެ.
"ވަރަށް ގިނަ ބަޔަކު ހީކުރި ނޭމާ ދިޔައީމަ ވެސް ބާސެލޯނާ އަށް އަސަރުކުރާނެ ކަމަށް. އެކަމަކު އެހެނެއް ވެސް ނުވި. ދެން މިހާރު ޗެމްޕިއަންސް ލީގުގައި މިހެން ވިޔަސް. މިއީކީ އަދި ބާސެލޯނާ އަށް ދުނިޔެ ނިމުނީއެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.
ލީގު ހޯދަން ކުރިއަށް އޮތް ހަތް މެޗުން ބާސެލޯނާ އަށް ބޭނުންވަނީ 10 ޕޮއިންޓެވެ. މިރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ ލީގުގެ ތިން ވަނައިގައި އޮތް ވެލެންސިއާއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 19:15 ގަ އެވެ.