ލީގު ގެއްލުމުގެ ބިރު އެބައޮތް: ގާޑިއޯލާ
ލީގު ގެއްލުމުގެ ބިރު އެބައޮތް: ގާޑިއޯލާ

މެންޗެސްޓާ (އޭޕްރީލް 14) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއްގައި މެންޗެސްޓާ ސިޓީ އޮތް ނަމަވެސް އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވެފައިވާތީ ލީގު ގެއްލުމުގެ ބިރު އެބައޮތް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ އެންމެ ފަހުން ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ލެގުގައި ލިވަޕޫލް އަތުންނާއި އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.

ލީގުގައި މިރޭ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސިޓީ އަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ މާދަމާރޭ ޔުނައިޓެޑް ކުޅޭ މެޗުން ވެސްޓް ބްރޮމް އަތުން ބަލިވެއްޖެނަމަ އެވެ. ޔުނައިޓެޑް ދެން ކުޅޭ ދެ މެޗުން މޮޅުވެއްޖެނަމަ ލީގު ކަށަވަރުކުރަން ސިޓީން ޖެހޭނީ އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ސްވަންސީ ސިޓީ ބަލިކުރާށެވެ.

އެހެން ނަމަވެސް ގާޑިއޯލާ ބުނީ އެކަން ނުވެދިޔުމުގެ ފުރުސަތެއް އެބައޮތް ކަމަށެވެ.

"ފުޓްބޯޅައިގައި މި ކަހަލަ ކަމެއް ވެދާނެ. އަހަރެން ގަބޫލުކުރަނީ އެހެން. މިދިޔަ ނޮވެމްބަރު މަހު ވަރަށް ގިނަ ބަޔަކު ބުނި ސިޓީ އަކީ ލީގު ޗެމްޕިއަނުން ކަމަށް އެކަމަކު އަދިވެސް ޔަގީނެއް ނުވޭ. މަސައްކަތްތަކެއް ކުރަން އެބަހުރި،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އަށް ލީގު ގެއްލިދާނެ ކަމުގެ މިސާލެއްގެ ގޮތުން ގާޑިއޯލާ ދެއްކީ 2003-2004 ވަނަ ސީޒަނުގައި ރެއާލް މެޑްރިޑް އަތުން ސްޕެނިޝް ލީގު ގެއްލުނު ގޮތާއި 2016 ވަނަ އަހަރު އެންބީއޭ ފައިނަލްސް ގޯލްޑަން ސްޓޭޓްސް ވޯރިއާސް އަށް ގެއްލުނު ގޮތެވެ. އެ ފަހަރު ލީގުގައި ބާކީ 12 މެޗު ކުޅެން އޮތްއިރު ވެސް ރެއާލް އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެހެން ނަަމަަވެސް ގާތްގާތުގައި މެޗުތަކުން ބަލިވެ ލީގު ނިންމާލީ ހަތަރު ވަނައިގަ އެވެ.

"މިސާލަކަށް ބަލަމާ އަހަރުތަކެއް ކުރިން ރެއާލް މެޑްރިޑަށްވީ ކިހިނެއް. މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި ތިބި. އެކަމަކު ގާތްގާތުގައި ފަސް މެޗުން ބަލިވެ އެ މީހުންނަށް ވެސް ލީގު ގެއްލުނު. މި ދައްކަނީ ދުނިޔޭގައި އޮތް ބޮޑު ކްލަބެއްގެ ވާހަކަ،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ސިޓީ އަށް އޮތް ނުރައްކަލަކީ ޔުނައިޓެޑް ކަމަށެވެ.

"އަަހަރެން ދެކޭ ގޮތުގައި ޔުނައިޓެޑުން ކުރިއަށް އޮތް މެޗުތަކުގައި ގިނަ ޕޮއިންޓް ހޯދާނެ. ރަނގަޅު ކުޅުންތެރިންނާއި އެކު މިހާރު އެ ޓީމު އޮތީ ފޯމުގައި. އެ މީހުން ބާކީ އޮތް ހަ މެޗުން ވެސް މޮޅުވާނެ،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދެން މި ސީޒަނުގައި އޭނާ ނުފެނިދާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ސިޓީ އާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.