14 އެޕްރީލް 2018 - 10:06

މެނީލާ (އެޕްރީލް 14) - ޑްރަގާ ދެކޮޅު ހަނގުރާމައިގައި ޝަރީއަތަކާ ނުލައި މީހުން މަރާ މައްސަލަ ތަހުގީގު ކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) ގެ ޗީފް ޕްރޮސެކިއުޓަރު ފަޓޮއޫ ބެންސޫދާ ފިލިޕީންސަށް ވަޑައިގެންފި ނަމަ އެކަމަނާ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވައިފި އެވެ.
ބެންސޫދާ ވަނީ ފިލިޕީންސްގައި ޝަރީއަތުން ބޭރުން މީހުން މަރާކަމުގެ ރިޕޯޓްތަކުގެ އިބްތިދާއީ ތަހްގީގެއް ފެބްރުއަރީ މަހު ފައްޓަވައިފަ އެވެ.
"ފިލިޕީންސަކީ މިހާރު އައިސީސީގެ މެންބަރެއް ނޫން. މި ގައުމުގައި ހިންގާ ކަންކަން ބެލޭނީ ދެން ކޮން ހައިސިއްޔަތަކުން. އެއްވެސް އަސްލެއް ނެތް ކަމަކަށް ތަހުގީގެއް ނުހިންގޭނެ. އެ ތަހުގީގު ހިންގަން ބެންސޫދާ ފިލިޕީންސަށް އަތުވެއްޖެ ނަމަ ހައްޔަރު ކުރާނަން،" ދެކުނުގެ ދާވާއޯ ސިޓީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑުޓާޓެ ވިދާޅުވި އެވެ.
ޑްރަގާ ދެކޮޅު ހަނގުރާމައިގައި އެތައް ބަޔަކު މަރަމުންދާތީ ޑުޓާޓެ އަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފަށައިފަ އެވެ. ފިލިޕީންސްގެ ވެރިކަމަށް 2016 ވަނަ އަހަރު ވަޑައިގަތުމަށް ފަހު ޑުޓާޓެ ވަނީ ޑްރަގުގެ ވިޔަފާރި ކުރާ މީހުން ހުއްޓުވުމަށް ފުލުހުންނަށް އުނދަގޫވާ ނަމަ ބަޑިޖަހާ މަރަން އަންގަވައިފަ އެވެ. މިހާތަނަށް 4،000 މީހުން މަރާފައިވާ ކަމަށްވެ އެވެ.
އައިސީސީ އިން ވަކިވުމަށް ނިންމާފައިވާ ކަމަށް ޑުޓާޓެ މިދިޔަ މަހު ވަނީ އިއުލާން ކުރައްވައިފަ އެވެ. އައިސީސީން ވަކިވާނަމަ އެއް އަހަރުގެ ނޯޓިސް ދޭން ޖެހޭނެ އެވެ. އައިސީސީ އިން ވަނީ ފިލިޕީންސްގެ ނިންމުމާ މެދު އަލުން ވިސްނުމަށް އެދިފަ އެވެ. އައިސީސީގައި ފިލިޕީންސް ބައިވެރިވެފައި ވަނީ ކުރީގެ ރައީސް ބެނިން އަކީނޯގެ ވެރިކަމުގައި 2011 ވަނަ އަަހަރު އެވެ.
ދެހާސް ދެ ވަނަ އަހަރު އުފެއްދި އައިސީސީ އަކީ ޖިނާއީ ކުށްތައް ބަލާ ބައިނަލްއަގުވާމީ ހަމައެކަނި ކޯޓެވެ. އެ ކޯޓުން ބަލަނީ ގައުމީ ކޯޓުތަކުން ނުބަލާ މައްސަލަތަކެވެ.
ބައިނަލްއަގުވާމީ ވަކީލުން ބުނެފައި ވަނީ އައިސީސީން ފިލިޕީންސް ވަކިވި ނަމަވެސް އެ ގައުމުގެ މައްސަލަތައް ބެލުން ނިމުނީ ނޫން ކަމަށެވެ. އައިސީސީގެ މެންބަރެއްގެ ގޮތުގައި ފިލިޕީންސް ހޭދަކުރި ދުވަސްތަކުގައި ހިންގާފައިވާ ޖަރީމާއެއް ނަމަ ބެލޭނެ ކަމަށް ވަނީ ބުނެފަ އެވެ.