ލޫލޫ: ފާޚާނާ ތަށިން ވަސް ކަނޑުވާލާނެ
ލޫލޫ: ފާޚާނާ ތަށިން ވަސް ކަނޑުވާލާނެ

ފާޚާނާއަކީ ކިތަންމެ ސާފުކުރިޔަސް ނުތާހިރު ތަނެކެވެ. އެކަކު އެކަނި ބޭނުންކުރާ ފާޚާނާއަކަސް، ބައެއް ފަހަރު ދުވާ ވަހަކުން އަމިއްލައަށްވެސް ލަދުގަނެއެވެ.

ފާޚާނާކުރުމަށް ފަހު ނުކުންނައިރު ފާޚާނާތެރޭގައި ހިފާފައި ހުންނަ ވަސް ފިލުވާލުމަށް އެކި ފާޑުގެ ސްޕްރޭ އާއި އެއާ ފްރެޝްނާ ބޭނުންކުރާތީ ފެނެއެވެ. އެކަމަކު އޮޓަމެޓިކުން ވަސް ފިލުވައިލެވޭނެ ގޮތެއް އޮތިއްޔާ އަދި މާ ރަގަޅެވެ. ލޫލޫއަކީ ފާޚާނާތަށީގައި އަޅުވާލާ ވަސްފުޅިއެކެވެ. ތަށިން ނުކުންނަ ނުބައި ވަސް ކަނޑުވާލައިދޭ އުފެއްދުމެކެވެ.

އެމެރިކާގެ ޔޫޓާ ސްޓޭޓުން އުފަންވި މި ޚިޔާލަކީ ޓޭލަ ވުޑްގެ އީޖާދެކެވެ. އޭނާ ބުނާ ގޮތުގައި އެހެން މީހަކު ފާޚާނާ ބޭނުންކޮށްފައި ނުކުތުމުން ހަމަ އެ ފާޚާނާއަށް ވަންނަން ފަސްޖެހޭނެއެވެ. އެއީ ދުވާނެ ނުބައިވަހުގެ ސަބަބުންނެވެ. އެކަމަކު ނުބައިވަސް ދުވާ ސަބަބަށް ހުރަސް އެޅުމަކީ އެކަމުގެ ހައްލުކަމަށް އޭނާ ދެކެއެވެ.

ފާޚާނާތަށީގެ އަރިމަތީގައި އަޅުވާލާފައިވާ ލޫލޫ ޑިވައިސް އަކީ އޮޓޮމެޓިކުން މަސައްކަތްކުރާ އެއްޗެކެވެ. ފާޚާނާތަށީގައި މީހަކު އިށީންނަ ވަގުތު، މި ޑިވައިސްގައިވާ އިންފްރާރެޑްގެ ބާރުން އެކަން ދެނެގަނެއެވެ. އަދި މީރުވަސްދުވާ ތެލުގެ ފަށަލައެއް ފާޚާނާތަށި ތެރެއަށް ދޫކޮށްލައެވެ. ލޫލޫ އުފެއްދި ކުންފުނިން ބުނާ ގޮތުގައި މިއީ ތަށި ތެރޭގައި އުފެދޭ ނުބައި ވަސް ބޭރަށް ނުކުތުން ހުއްޓުވާނެ ފިޔަވަޅެކެވެ. ނަތީޖާއެއްގެ ގޮތުން، ފާޚާނާ ބޭނުންކޮށް ނިމުމުން އެއްވެސް ނުބައިވަހެއްގެ އަސަރެއް ނުހުންނާނެ ކަމަށް ލޫލޫ ޓީމުން ބުނެއެވެ.

މި ނޫނަސް ލޫލޫއަކީ އެލްއީޑީ ބޮކިތަކުން ޖަރީ ވެސް ކޮށްފައިވާ ޑިވައިސް އެކެވެ. ފާޚާނާއަށް ވަދެ އިންނައިރު ބޭނުން ކުލައަކުން ދިއްލައިލަންވީ އެވެ.