ސިޔާސީ ކަންކަމުން ނަވާޒް ޝަރީފް މުޅި އުމުރަށް ކޯޓުން ސަސްޕެންޑްކޮށްފި
ސިޔާސީ ކަންކަމުން ނަވާޒް ޝަރީފް މުޅި އުމުރަށް ކޯޓުން ސަސްޕެންޑްކޮށްފި

އިސްލާމްއާބާދު (އެޕްރީލް 13) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ދެން ސިޔާސީ މަގާމަކަށް ނާދެވޭ ގޮތަށް، އުމުރަށް ސުޕްރީމް ކޯޓުން މިއަދު ސަސްޕެންޑް ކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމާފައި ވަނީ ގާނޫނު އަސާސީގައި އޮންނަ "ތެދުވެރިކަމާއި އިތުބާރުގެ" މާއްދާގެ ދަށުން މަގާމަކުން ޑިސްކޮލިފައި ކޮށްފި މީހަކު މުޅި އުމުރަށް ސަސްޕެންޑް ވާނެ ކަމަށެވެ. މި ނިންމުމާ އެކު ޕާލަމެންޓަށް ދެން ވަޑައިގަތުމުގެ ފުރުސަތު ނަވާޒް ޝަރީފަށް ބަންދުވާނެ އެވެ. އަދި އޭގެ ސަބަބުން ބޮޑު ވަޒީރުކަމުގެ ދޮރު ވެސް މި ވަނީ ބަންދުވެފަ އެވެ.

ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި ބައެއް މައުލޫމާތުގައި ނަވާޒް ޝަރީފުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ބައެއް ތުހުމަތުތަކާ ގުޅިގެން ބޮޑު ވަޒީރުކަމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ނިންމުމާ އެކު ނަވާޒް ޝަރީފް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ނަވާޒް ޝަރީފް ވިދާޅުވެފައި ވަނީ ޕެނަމާ ޕޭޕާސް އިން ތުހުމަތުކޮށްފައިވާ އެމަނިކުފާނުގެ އާއިލާ އިން ގައުމުން ބޭރުގައި ހިންގާ ވިޔަފާރިން ދުވަހަކު ވެސް މުސާރަ ނަންގަވާފައި ނުވާނެ ކަމަށެވެ. އަދި ޔޫއޭއީގައި ހިންގާ އާއިލީ ވިޔަފާރި ކުންފުންޏެއްގެ މަގާމަކާ ހަވާލުވީ ވިސާ ހޯދުމަށް ފަސޭހައަކަށް ކަމަށް ވިދާޅުވި އެވެ.

ޕާކިސްތާނުގައި ތިން ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފާއި އެމަނިކުފާނުގެ ތިން ބޭފުޅުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަ ނޭޝަނަލް އެކައުންޓިބިލިޓީ ބިއުރޯ ކޯޓުން މިހާރު ދަނީ ބަލަމުންނެވެ.

ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮންނަ ނަވާޒް ޝަރީފުގެ ޕީއެމްއެލް-އެން ޕާޓީން ބުނެފައި ވަނީ ކޯޓުގެ ނިންމުމަކީ ޑިމޮކްރެސީ އަށް ދިން ހަމަލާއެއް ކަމަށެވެ.

ނަވާޒް ޝަރީފަށް ޕާޓީގެ ލީޑަރުކަން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިިދޔަ ފެބްރުއަރީ މަހު ކަނޑައަޅައިފަ އެވެ.

ޕާކިސްތާނުގައި އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހު އެވެ.