13 އެޕްރީލް 2018 - 20:02

ދިވެހި ޑޮކްޓަރުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ދުވުމެއްގައި ޑޮކްޓަރުންތަކެއް މާލޭގެ މަގުތަކުން 1.7 ޓަނުގެ ކުނި ހޮވައިފި އެވެ.

ގާތްގަނޑަކަށް 70 ވަރަކަށް ދިވެހި ޑޮކްޓަރުން ބައިވެރިވި ދުވުން ފަތިހު 5:45 ގައި ފެށީ ޓްރެކް ސަރަހައްދުންނެވެ. ފަސް ކިލޯ މީޓަރަށް ބޭއްވި މި ދުވުން ފުރިހަމަ ކުރީ އެކި ސަރަހައްދުތަކަށް ހުއްޓި ކުނި ހޮވަމުންނެވެ. ކޮންމެ ޑޮކްޓަރަކު ވެސް ދުވީ، ހޮވާ ކުނިތައް އެޅުމަށް ކޮތަޅެއް ހިފައިގެންނެވެ. ހޮވި ކުނިތައް އެއްކުރުމަށް އެކި ސަރަހައްދުތަކުގައި ވެމްކޯ އިން ވަނީ ޑަސްބިންތައް ބަހައްޓާފަައި ހުއްޓެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ރައީސް، ޑރ. އަލީ ޝާހިދު ވިދާޅުވީ އެ ދުވުން ބޭއްވުމުގެ މަގުސަދަކީ ކަސްރަތު ކުރުމަށް ޑޮކްޓަރުން ދޭ ލަފަޔާ އެއްގޮތަށް ޑޮކްޓަރުން ނަމޫނާ ދެއްކުން ކަމަށެވެ.
މުޖުތަމައަށް ފައިދާ ހުރި ކަމެއް ކުރުމުގެ ގޮތުން އެ ދުވުމުގައި ކުނި ހޮވި އިރު، ޑޮކްޓަރުން އެއްކުރި ކުނިތައް އުކައިލީ ވެމްކޯ އިން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދުވުން ބޭއްވި ބޭރު މަގުން އެކަނި 1.7 ޓަނުގެ ކުނި ވާނީ ހޮވާފަ. މި ކަމުގައި ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން ބައިވެރިވެވަޑައިގެންނެވި،" ބޮޑުތަކުރުފާނު މަގުގައި ބޭއްވި ދުވުމާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ގައުމީ ފެންވަރެއްގައި ފާހަގަ ކުރާ ދިވެހި ޑޮކްޓަރުންގެ ދުވަހެވެ. އެ ދުވަހަކީ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު އަދި ފުރަތަމަ ދިވެހި ލޮލުގެ ޑޮކްޓަރު އަބްދުﷲ އަބްދުލްހަކީމް (އެންޑީ އަބްދުﷲ) ރާއްޖެ ވަޑައިގެން ހިދުމަތް ދެއްވަން ފެއްޓެވި ދުވަހެވެ.
ދިވެހި ޑޮކްޓަރުންގެ ދުވަސް ފާހަގަ ކުރުމަށް ކުޅިވަރު މުބާރާތްތަކެއް މިހާރު ކުރިއަށްގެންދާ އިރު މި މަހުގެ 18 ވަނަ ދުވަހު ހާއްސަ ޑިނާ ނައިޓެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.