13 އެޕްރީލް 2018 - 16:18

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ވިލިގިލީގައި އިއްޔެ ތައާރަފްކޮށްފި އެވެ.
މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ކުންފުނިން ބުނީ އެ ރަށަށް ސުޕަނެޓް ތައާރަފްކުރުމާ ގުޅިގެން ހާއްސަ އޮފައެއް ދަށުން މިމަހުގެ 30ގެ ކުރިން ހިދުމަތް ހޯދާ ފަރާތްތަކަށް އެއް އަހަރުގެ މަހުފީން 30 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ދިނުމަށް އެއްވެސް ކަނެކްޝަން ފީ އެއް ނުނަގާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީ ގެނައުމުގައި އިންޓަނެޓް ފާހަގަކުރެނިވި ދައުރެއް އަދާކުރޭ. މިގޮތުން ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ފުރިހަމަ އަހަމިއްޔަތުކަންދޭ ކަމެއް. މި މަސައްކަތުގެ ދަށުން ވިލިގިލީގައި ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ހިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވި އެވެ.
އެ ކުންފުނިން 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކާއެކު ދޭ އިންޓަނެޓް ކަސްޓަމަރުންގެ އެކިއެކި ބޭނުންތައް ކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫން ތައާރަފްކޮށްފައިވެ އެވެ. އަދި އެ ހިދުމަތާ އެކު ވިލިނގިލީގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ކުންފުނިން ވަނީ ސުޕަނެޓްގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން، އެއް އަހަރުގެ އިންސްޓޯލްމަންޓް ޕްލޭނަކާއެކު ސުޕަނެޓްގެ ރައުޓަރު ގަތުމުގެ ފުރުސަތު ދީފަ އެވެ.
އެ ރަށުގެ ސުޕަނެޓްގެ ހިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗަ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ މޯލްޑިވްސް އިނޮވޭޝަން ކޮމްޕެނީ އެވެ.