14 އެޕްރީލް 2018 - 07:54

އިންޑިއާގެ 65 ވަނަ ނެޝަނަލް ފިލްމް އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ މަގާމު، މިއަހަރު މަރުވި ބޮލީވުޑްގެ ބަތަލާ ސްްރީދޭވީ އަށް ދީފި އެވެ.
އޭނާ އެންމެ މޮޅު ބަތަލާ އަށް ހޮވުނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް "މޮމް" އިންނެވެ. ނެޝަނަލް ފިލްމް އެވޯޑްސް އަށް ހޮވުނު ތަރިން އިއުލާން ކުރީ ހުކުރު ދުވަހު އެވެ. ނަންތައް އިއުލާންކޮށްދިނީ ނެޝަނަލް ފިލްމް އެވޯޑް ކޮމިޓީގެ ޖޫރީ ރައީސަކަށް މި ފަހަރު ހުރި މަޝްހޫރު ޑައިރެކްޓަރު ޝޭކަރް ކަޕޫރެވެ. އޭނާއަކީ ސްރީދޭވީގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "މިސްޓަ އިންޑިއާ" ގެ ޑައިރެކްޓަރެވެ.
ފިލްމް "މޮމް" އަށް އޭއާރް ރަހްމާން ހަދައިން ދިން ބެކްގްރައުންޑް ސްކޯ އެންމެ މޮޅު ސްކޯއަކަށް ހޮވުނު އިރު، އޭނާ ވަނީ "ކާތުރޫ ވެލިޔިޑައި" އިން އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރުގެ އެވޯޑް ވެސް ހޯދައިފަ އެވެ.
އިންޑިއާގައި ހުރިހާ ބަހުރުވައަކުން ނެރޭ ފިލްމްމްތައް ހިމަނައިގެން ދޭ ނެޝަނަލް އެވޯޑްގެ މި ފަހަރުގެ އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވުނީ އައްސާމީ ފިލްމް "ވިލެޖް ރޮކްސްޓާ" އެވެ. އެންމެ މޮޅު ހިންދީ ފިލްމަކަށް ހޮވުނީ ރާޖްކުމާރް ރާއޯ ކުޅުނު "ނިއުޓަން" އެވެ. އެ ފިލްމަކީ އެންމެ ފަހުން ބޭއްވި އޮސްކާ އެވޯޑަށް އިންޑިއާ އިން ފޮނުވި ފިލްމެވެ.
މި އަހަރު އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ ފިލްމް "ނަގަރް ކިރްތަން" އިން ރިދީ ސެން އެވެ. އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ ފިލްމް "ބަޔަނަކަމް" އިން ޖަޔަރާޖް އެވެެ. އެންމެ މޮޅު އެޑަޕްޑެޓް ސްކްރީންޕްލޭ ވެސް ގެންދިޔައީ އޭނަ އެވެ.
އަންނަ މަހުގެ 3 ގައި ބާއްވާ 65 ވަނަ ނެޝަނަލް އެވޯޑްގެ މުހިއްމު އިތުރު ކެޓަގަރީތަކަށް ބަލާ އިރު، އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމު ފާޒިލް ހުސައިން (ތޮންޑިމުތަލަމް ދްރިކްސަކްޝިޔުމް)، އެންމެ މޮޅު ސަޕޯޓިން ބަތަލާއަކަށް ހޮވުނީ ފިލްމް "އިރާދާ" އިން ދިޔްވާ ދައްތާ އެވެ.
އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭއަކަށް ހޮވުނީ "ތޮންޑިމުތަލަމް ދްރިކްސަކްޝިޔުމް" އެވެ.
މިދިޔަ އަހަރު ބޮކްސް އޮފީހުގައި ރެކޯޑްތަކެއް ހެދި "ބާހްބަލީ: ދަ ކޮންކްލޫޝަން" ވަނީ ދެ އެވޯޑަކަށް ހޮވިފަ އެެވެ. އެއީ އެންމެ މޮޅު އާޓް ޑައިރެކްޝަނާއި އެންމެ މޮޅު ސްޕެޝަން އިފެކްޓްސްއަށެވެ.
އެންމެ މޮޅު ކޮރިއޮގްރަފީއަކަށް ހޮވުނީ އަކްޝޭ ކުމާރްގެ "ޓޮއިލެޓް: އޭކް ޕްރޭން ޙަތާ" ގެ ލަވަ "ގޯރީ ތު ލަތު މާރް" އިން ގަނޭޝް އަޗަރިއާ އެވެ.