13 އެޕްރީލް 2018 - 14:40

ހުޅުމާލޭ ސެންޓްރަލް ޕާކްގަައި ރިވާސް ވެންޑިންގް މެޝިން ބެހެއްޓުމަށް ނިންމައި، އެމްޑަބްލިޔުއެސްސީން އެ ކަން ކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާން ކޮށްފި އެވެ.
ރިވާސް ވެންޑިން މެޝިނަކީ، ބޭނުންކޮށްފައި ހުންނަ ހުސް ދަޅާއި ހުސް ފުޅި ފަދަ ތަކެތި އެއްކުރުމަށް ހަދާފައި ހުންނަ މެޝިނެކެވެ. އަދި ބައެއް ގައުމުތަކުގައި މިފަދަ މެޝިންތައް ބަހައްޓާފައި ހުންނަނީ، އެ މެޝިނަށް ލާ ކޮންމެ ދަޅަކަށް ނުވަތަ ކޮންމެ ފުޅިއަކަށް ވަކި އަދަދަކަށް އެ މެޝިނުން ފައިސާ ލިބޭ ގޮތަށެވެ.
ނަމަވެސް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބަހައްޓަނީ މި ބާވަތުގެ ކިތައް މެޝިން ކަމެއް އެއެމްޑަބްލިޔުއެސްސީގެ އިއުލާންގައި ބުނެފައެއް ނެތެވެ. އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރިވާސް ވެންޑިން މެޝިން ބަހައްޓާ ހަޓުތައް އިމާރާތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހު މައުލޫމާތު ސާފު ކުރެއްވުމަށް ފަހު އަންގާރަ ދުވަހު އަގު ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިހާރު ވެސް ހުޅުމާލޭ ސެންޓްރަލް ޕާކް ބޭނުންކުރާ މީހުން އުކައިލާ ހުސް ދަޅާއި ފުޅި ފަދަ ތަކެތި ޖަމާ ކުރުމަށް އެ ޕާކް ތެރޭގައި ޑަސްބިންތަކެއް ބަހައްޓާފައި ހުރެ އެވެ. ނަމަވެސް ޕާކް ތެރެއަށް އެފަދަ ކުނި ވަރަށް ގިނައިން އުކާފައި ހުރެ އެވެ.
މިއީ ރާއްޖޭގައި މި ބާވަތުގެ ވެންޑިން މެޝިން ބަހައްޓާ ފުރަތަމަ ފަހަރެވެ.