13 އެޕްރީލް 2018 - 14:23

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެ ކަމުގައި އެހިތެރިވެދިނުމަށް ހާއްސަކޮށް އައިޖީއެމްއެޗްގައި އަލަށް ހުޅުވި ކްލިނިކަށް ފުރަތަމަ ހަފުތާގެ ތެރޭގައި ނުވަ މީހަކު ދައްކާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މިދިިޔަ އާދިއްތަ ދުވަހު ހިދުމަތް ދޭން ފެށި، އެ ކްލިނިކަކީ އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުންނާއި އެކި ބޭނުންތަކުގައި އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ މީހުންނަށް، ދުންފަތާ ގުޅޭ މައުލޫމާތު ދިނުމަށާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުމަށް އެހީތެރިވުމަށް ހުޅުވި ކްލިނިކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެގެ ނިޔަލަށް ނުވަ މީހަކު ފަރުވާ ހޯދަން ދިޔަ އިރު ފަރުވާ އަށް އެދި 52 މީހަކު ވެއިޓްލިސްޓްގައި ނަން ނޯޓް ކޮށްފައިވާ ކަމަށެވެ.
އެ ކްލިނިކަށް ދާ މީހުންނަށް ކައުންސިލިންގެ އިތުރުން ޑޮކްޓަރުން މެދުވެރިކޮށް ވެސް ފަރުވާދެ އެވެ. އެ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އެހީވާ ޗުއިންގަމާއި ގައިގައި ތަތްކުރާ ޕެޗް ފަދަ ތަކެތި މެދުވެރިކޮށް ދަނީ ފަރުވާ ދެމުންނެވެ.
ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ 1:00 އިން 3:00 އަށް އެ ކްލިނިކުން ކައުންސިލިން ދޭއިރު ކޮންމެ ހަފުތާއެއްގެ ތިން ދުވަހު ޑޮކްޓަރުން ބެއްލެވުމަށް ވަނީ ހަމަޖެހިފަ އެވެ.