13 އެޕްރީލް 2018 - 10:33

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ)ގެ ކޮމާންޑަރު މިދިޔަ އާދިއްތަ ދުވަހު ބަދަލުކޮށްފި އެވެ.
އެސްއޯގެ ކޮމާންޑަރަކަށް ހުންނެވި އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް މުހައްމަދު، ކަސްޓޯޑިއަލްގެ ހެޑަކަށް ބަދަލުކުރެއްވުމަށްފަހު އެސްއޯގެ ހެޑަކަށް ހަމަޖެއްސެވީ ޓްރެފިކް ޕޮލިހުގެ ކޮމާންޑަރަކަށް ހުންނެވި، ޗީފް އިންސްޕެންޓާ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމެވެ.
އެ ބަދަލާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.
ފެބްރުއަރީ 1 ގައި ސްޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެންވެސް އެސްއޯގެ ކޮމާންޑަރަކަށް ހުންނެވި އިބްރާހިމް ވަކިކޮށް އެ މަގާމު ދެއްވީ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފަށެވެ. އޭނާ ހައްޔަރުކޮށް ވަޒީފާއިން ވަނީ ވަކިކޮށްފަ އެވެ.
ނަމަވެސް ހަމަ އެދުވަހު އޭރުގެ ކޮމިޝަނާ އަހުމަދު އަރީފް އެމަގާމުން ވަކިކޮށް ޑެޕިއުޓީ ކޮމިޝަނާ އަހުމަދު ސައުދީ ފުލުހުންގެ އިދާރާ ހިންގެވުން ހަވާލުކުރެއްވުމާއެކު އަނެއްކާވެސް އެސްއޯގެ ކޮމާންޑަރުކަން އިބްރާހިމަށް ދެއްވި އެވެ.
ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާއެކު ފުލުހުން އޭރު ވަނީ އެ އަމުރު ތަންފީޒު ކުރާނެ ކަމަށް ބުނެފަ އެވެ. އެއާއެކު ފުލުހުންގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެބަދަލުތަކާއެކު މިހާރު ފުލުހުންގެ ވެރިއަކަށް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒު އެވެ.