މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރު ފޯކައިދޫ އާއި ނިލަންދޫގައި
މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރު ފޯކައިދޫ އާއި ނިލަންދޫގައި

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފައިނަލް ބުރު ށ. ފޯކައިދޫ އާއި ފ. ނިލަންދޫގައި ބާއްވާ ގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

ފޯކައިދޫގައި އޮންނަ ބުރުގައި ވާދަކުރާނީ ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި އެ ރަށުގެ ޓީމުގެ އިތުރުން ޒޯން އެކެއްގެ ޗެމްޕިއަން ހއ. މުރައިދޫ އާއި ޒޯން ތިނެއްގެ ޗެމްޕިއަން ބ ފެހެންދޫ އާއި ޒޯން ހަތަރެއްގެ ޗެމްޕިއަން އދ. ފެންފުށި އަދި މިދިޔަ ސީޒަނުގައި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި އއ. މާޅޮހެވެ.

ނިލަންދޫގައި ކުރިއަށްދާ ބުރުގައި ވާދަކުރާނީ ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި އެ ރަށުގެ ޓީމާއި ޒޯން ހަޔެއްގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި ޒޯން ހަތެއްގެ ޗެމްޕިއަން ގދ. ހޯޑެއްދޫ އަދި ޒޯން އަށެއްގެ ޗެމްޕިއަން ސ. ހިތަދޫ އެވެ. މިދިޔަ އަހަރު ލީގުގައި ވާދަކުރި ދ. ކުޑަހުވަދޫ ވެސް ކުޅޭނީ މި ބުރުގަ އެވެ.

ފަސް ޓީމު ހިމެނޭ ދެ ގްރޫޕުގެ މެޗުތައް ފަށާނީ މި މަހު 20 ވަނަ ދުވަހު އެވެ. ދެ ގްރޫޕުގެ މެޗުތަކަށް ފަހު ސެމީ އޮންނާނީ އަންނަ މަހު 3 އާއި 4 ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހު މާލޭގަ އެވެ.

މި ފަހަރު ވެސް މި މުބާރާތުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތުދޭން ވަނީ ނިންމައިފަ އެވެ. ޕްރިމިއާ ލީގުގައި ދެން ވާދަކުރާނީ މިހާރު ކުރިއަށްދާ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމެވެ.