ސަލާ ވިދާލަން މިއީ އެންމެ ރަނގަޅު މާހައުލު: ކްލޮޕް
ސަލާ ވިދާލަން މިއީ އެންމެ ރަނގަޅު މާހައުލު: ކްލޮޕް

ލިވަޕޫލް (އޭޕްރިލް 13) – ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހް އެ ކްލަބް ދޫކޮށްގޮސްދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ މެދު ކަންބޮޑުނުވާ ކަމަށާއި އޭނާ އެހުރީ ކުޅުންތެރިޔެއްގެ ގޮތުގައި ވިދާލަން އެންމެ ފުރިހަމަ މާހައުލުގައި ކަމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ރޯމާ ދޫކޮށް މި ސީޒަނުގައި ލިވަޕޫލާ ގުޅުނު ސަލާ މިހާތަނަށް 39 ގޯލް ޖަހާފައިވާއިރު އޭނާގެ އެހީއާ އެކު ލިވަޕޫލް މިހާރު އޮތީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގަ އެވެ. އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ގެންދިއުމަށް ރެއާލް މެޑްރިޑުން ބޭނުންވާ ކަމަށް ވާހަކަދެކެވެ އެވެ.

"އަހަންނަށް އެނގޭ މިތަނުގައި ސަލާ ހުރީ ހިތްހަމަޖެހިގެންކަން. އަދި އޭނާ އަށް އެނގޭ އަހަރެމެންގެ ކުޅުމުގެ ސްޓައިލަށް އޭނާ ވަރަށް ރަނގަޅަށް ފެތޭކަން. އެހެންވީމާ ޓްރާންސްފާއަކާ މެދު އަހަރެން ކަންބޮޑެއް ނުވޭ،" ކްލޮޕް ބުންޏެވެ.

މި ސީޒަނުގައި އިންގްލެންޑުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީގެ މައްޗަށް ލިވަޕޫލުން މިވަނީ ތިން ފަހަރު ކުރި ހޯދައިފަ އެވެ. ލީގުގައި އެއް ފަހަރު އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ދެ ފަހަރެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ މައްޗަށް ކުރި ހޯދުނަސް އަދިވެސް އޭނާ އަކީ ކްލޮޕުގެ ފޭވަރިޓެކެވެ.

"އޭނާ މަސައްކަތްކުރި ކޮންމެ ތަނެއްގައި، އެންމެން އޭނާގެ މަސައްކަތް ބަލައިގަނޭ. އެއީ ބާސެލޯނާ ގައި ވެސް ކަން ހިނގި ގޮތަކީ، ބަޔާން މިއުނިކުގައި ވެސް އަދި މިހާރު މެންޗެސްޓާ ސިޓީގައި ވެސް،" ކްލޮޕް ބުންޏެވެ. "އޭނާ އަކީ އަހަރެންނާ އިދިކޮޅަށް ނުކުންނަ ޓީމުގެ ކޯޗަށް ނުވަންޏާ އަހަރެން އޭނާގެ ގޭމް ބަލާ ހިތްވޭ. މެންޗެސްޓާ ސިޓީގެ މެޗުތައް ބަލަން އަހަންނަށް މަޖުބޫރުކުރާކަށް ނުޖެހޭނެ."