24 މެއި 2016 - 19:10

ތާލިބާނުންގެ ލީޑަރު މުއްލާ އަޚްތަރު މަންސޫރު އެމެރިކާގެ ޑްރޯން ހަމަލާއެއްގައި މަރާލީ އެއީ ކޯލީޝަންގެ ސިފައިންނަށް "ފާޅުވެގެންވާ ބިރަކަށްވާތީ ކަމަށް" ޕެންޓަގަނުން ބުނެފި އެވެ.
"ތާލިބާނުންގެ ލީޑަރު ކުރަމުން ދިޔަ ކަންކަމަކީ އެމެރިކާ ކޯލީޝަނަށް ކަނޑައެޅިގެން ކުރިމަތިވާނެ ނުރައްކާ ތަކެއް،" ޕެންޓަގަންގެ ތަރުޖަމާން ނޭވީ ކެޕްޓަން ޖެފް ޑޭވިސް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ ވަނީ އެމެރިކާގެ ޑްރޯން ހަމަލާއެއްގައި ތާލިބާނުންގެ ލީޑަރު ޕާކިސްތާނުން ހޮނިހިރު ދުވަހު މަރާލިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އަފްޣާނިސްތާނުގައި ކޮމްބެޓް ހަރަކާތްތައް އެމެރިކާ އާއި ނޭޓޯ ސިފައިން ނިންމާލީ ޑިސެމްބަރު، 2014 ގަ އެވެ. ނަމަވެސް ތާލިބާނުންގެ ހަނގުރާމައިގެ ހަމަލާތަކުން ދިފާއުވެވޭ ވަރަށް ހަމަލާ ދިނުމުގެ ހުއްދަ އެމެރިކާ ސިފައިންނަށް އޮވެ އެވެ. އަފްޣާނިސްތާނުގައި އެމެރިކާގެ 9،800 ސިިފައިން އަދިވެސް ތިބެ އެވެ. އެ މީހުންގެ މައިގަނޑު ބޭނުމަކީ އަފްޣާން ސިފައިންނަށް ތަމްރީނު ދިނުމެވެ.ޕެންޓަގަނުން ބުނެފައި ވަނީ މަންސޫރު މަރާލުމަކީ އަފްޣާނިސްތާނުގައި އެމެރިކާ އިން އަލުން އަސްކަރީ ހަމަލާތައް ފެށުން ނޫން ކަމަށެވެ. އަދި އެއީ ދިފާއުވުމުގެ މަގްސަދުގައި ދިން ހަމަލާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ތާލިބާން ޖަމާއަތުގެ ވެރިކަމާ މަންސޫރު މިދިޔަ އަހަރު މެދުތެރޭގައި ހަވާލުވީ އެ ޖަމާއަތުގެ ކުރީގެ ވެރިޔާ މުއްލާ އުމަރު މަރުވުމާ ގުޅިގެންނެވެ. --އޭއެފްޕީ