ލަވަކިޔަން ހުރި މާބަނޑު އަންހެނެއްގެ ގަޔަށް ޕާކިސްތާނުގައި ބަޑިޖަހާ މަރާލައިފި
ލަވަކިޔަން ހުރި މާބަނޑު އަންހެނެއްގެ ގަޔަށް ޕާކިސްތާނުގައި ބަޑިޖަހާ މަރާލައިފި

އިސްލާމްއާބާދު (އެޕްރީލް 13) - ޕާކިސްތާނުގެ ސިންދް ޕްރޮވިންސްގައި ޚިތާނީ ފެސްޓިވަލެއްގައި ލަވަކިޔަމުން ދިޔަ މާބަނޑު އަންހެނެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފި އެވެ.

ސިންދު ޕްރޮވިންސްގެ ލަރްކާނާ ސިޓީގެ ކަންގާ ނަމަކަށް ކިޔާ އަވަށުގައި ދިން މި ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ މިއުޒިކް ކުޅުންތެރިން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އުމުރުން 28 އަހަރުގެ ސާމިރާ ސިންދުގެ ގަޔަށް ބަޑިޖަހާ މަރާލި އިރު އޭނާގެ ބަނޑަށް އަށް މަހެވެ.

ސާމިރާގެ ގަޔަށް ބަޑިޖެހީ އޭނާ އިށީނދެ އިނދެ ލަވަކިޔުމުން ކަމަށްވެ އެވެ. ބަޑި ޖެހި މީހާ އެކަމާ އެންމެ ފުރަތަމަ ޝަކުވާ ކުރުމުން ސާމިރާ ބުނެފައި ވަނީ އޭނާ އަށް ކޮޅަށް ހުންނަން އުނދަގޫ ކަމަށެވެ. ބަޑި ޖެހި މީހާ ފަހުން ބުނެފައި ވަނީ ސާމިރާގެ ގަޔަށް ބަޑި ޖެހުނީ އެކްސިޑެންޓަކުން ކަމަށެވެ.

ނަމަވެސް ސާމިރާގެ ފިރިމީހާ އާޝިގު ސައްމޫ ފުލުހުންނަށް ބުނެފައި ވަނީ އޭނާގެ އަންހެނުން އިށީނދެ އިނދެ ލަވަ ކިޔާތީ އެކަމާ ރުޅި އައިސްގެން މީހަކު ވަނީ ބަޑި ޖައްސާ ކޮޅަށް ތެދުވުމަށް އިންޒާރު ދީފައި ކަމަށެވެ. އަދި މާބަނޑުވުމުން ކޮޅަށް ތެދުވުމަށް އުނދޫ ކަމަށް ސާމިރާ ބުނުމާ އެކު އެ މީހާ ބަޑި ޖެހީ ކަމަށް ސައްމޫ ވަނީ ބުނެފަ އެވެ.

ސާމިރާގެ މަރާ ގުޅިގެން ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހާ ބުނެފައި ވަނީ އޭނާ ބަޑި ޖެހީ ވައިގެ ތެރެއަށް ކަމަށާއި ސާމިރާގެ ގަޔަށް ވަޒަން އަމާޒުވީ އެކްސިޑެންޓަކުން ކަމަށެވެ.