15 އެޕްރީލް 2018 - 06:35

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި، ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުކުރާނެ ކަމަށް ބެލެވުނު ފިލްމް "ކެދަރްނާތު" ގެ ޑައިރެކްޓަރު އަބިޝެކް ކަޕޫރާއި ފިލްމްގެ ޕްރޮޑިއުސްކުރާ ކްރިއާޖް އެންޓަޓައިންމަންޓާ ދެމެދު ޖެހުނު މައްސަލަތަކާ ހެދި ފިލްމްގެ މަސައްކަތް ހުއްޓި މިހާތަނަށް އޮތީ ވާނުވާގަ އެވެ.

މި ފިލްމަކީ ސާރާގެ ފުރަތަމަ ފިލްމެއް ނޫންކަން މިހާރު ވަނީ ކަށަވަރު ވެސް ވެފަ އެވެ. އެކަމަކު "ކެދަރްނާތު" ގެ ވިކިޕީޑިއާގައި އަދިވެސް ބުނަނީ އެ ފިލްމް ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު 21 ގައި ކަމަށެވެ.

ސައިފް އަލީ ހާންގެ ދަރިފުޅު ބޮލީވުޑަށް ތައާރަފުވާ ފިލްމަކަށް ވާނީ ރޯހިތު ޝެޓީ ޑައިރެޓްކޮށް، މި އަހަރުގެ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އެވެ. ފިލްމްގެ ބަތަލަކީ ރަންވީރް ސިންގް އެވެ.
"ކެދަރްނާތު" ގެ ވަރަށް ބޮޑު ބައި ޝޫޓްކޮށް ނިމުނު ފަހުން ބަޖެޓްގެ އަރައިރުމުގައި ޖެހުނު މައްސަލަތަކާ އެކު، މިހާރު ވަނީ އަބިޝެކަށް ހަމަ ނޭވާއެއް ލެވޭ ވަރުވެފަ އެވެ. އޭނާ 2013 ގައި ޑައިރެކްޓް ކުރި ފިލްމް "ކައި ޕޯޗޭ" ގެ އެއް ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ މިހާރު ވަނީ ފިލްމްގެ ޕްރޮޑިއުސަރެއްގެ ޒިންމާއާ ހަވާލުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މައްސަލަ ހައްލު ކުރީ "ކެދަރްނާތު" ގައި ހިއްސާވާ ކްރިއާޖާއި އެކްތާ ކަޕޫރްގެ ބަލާޖީ އާއި ބުޝަން ކުމާރްގެ ޓީ-ސީރީޒުން ފިލްމަށް ކުރި ހަރަދު އަނބުރާ ދައްކައިފަ އެވެ. އެ ތިން ކުންފުނިން ފިލްމަށް ޖުމްލަ 22 ކްރޯޑް ރުޕީސް ހަރަދުކޮށްފައިވެ އެވެ.
އެގޮތުން ކްރިއާޖާއި ޓީ-ސީރީރުން ކުރެ ކޮންމެ ސްޓޫޑިއޯއަކަށް 8 ކްރޯޑް ރުޕީސް އަދި ބަލާޖީ އަށް 6 ކްރޯޑް ރުޕީސް ދައްކައި ހަލާސްކޮށް، ރޮނީ ވަނީ "ކެދަރްނާތު" ގެ މިލްކުވެރިކަމާ ހަވާލުވެފަ އެވެ.
ރޯނީ ބުނި ގޮތުގައި "ކެދަރްނާތު" ގެ ޝޫޓްކޮށްފައި ހުރި މަންޒަރުތައް ބަލައިލި އިރު، ފިލްމްގައި ވަރަށް އަސަރު އެބަ ހުއްޓެވެ. އަދި ފިލްމަކީ މޮޅު ފިލްމަކަށް ވާނެ ކަމަށް ގަބޫލު ކުރާ ކަމަށް ބުންޏެވެ.
ސާރާ އާއި ސުޝާންތު ރާޖްޕޫތު ލީޑް ރޯލް ކުޅޭ ފިލްމްގައި ކިޔައި ދެނީ 2013 ގައި އުތުރު އިންޑިއާ އަށް ކުރި ގަދަ ވިއްސާރައިގައި އުއްތަރުކަންދް ސްޓޭޓް ފެނު އަޑިއަށް ދިޔަ ހާދިސާގެ ތެރެއިން ހިނގާ ލޯބީގެ ވާހަކައެކެވެ.
"ހަގީގީ ހާދިސާއެއްގެ ތެރެއިން ކިޔައިދޭ މި ލޯބީގެ ވާހަކައަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމެއް،" ކާމިޔާބު އެތައް ފިލްމެއް ޕްރޮޑިއުސްކޮށްފައިވާ ރޯނީ ބުންޏެވެ. "އަހަރެން ވަރަށް ގަޔާވި މީގެ މަންޒަރުތައް ބަލާލީމަ. އެހެންވެ ފިލްމް ޕްރޮޑިއުސް ކުރަން ނިންމީ."
އޭނާ ބުނި ފިލްމް ސިނަމާތަކަށް ގެނެސް ދޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.
މިކަމާ ބެހޭ ގޮތުން އަބިޝެކް ބުނީ "ކައި ޕޯޗޭ" އަށް ފަހު، ރޯނީއާ އެކު އަލުން މަސައްކަތް ކުރެވޭތީ ވަރަށް އުފާވާ ކަމަށެވެ. އަދި ފިލްމްގެ ބާކީ ހުރި މަންޒަރުތައް ނެގުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ބުންޏެވެ.
"ރޯނީއާ އެކު އަލުން މަސައްކަތްކޮށްލަން މަގުފަހިވުމަކީ ވަރަށް ބޮޑު ޝަރަފެއް،" ރޮކް އޯން އާއި ފިތޫރު ވެސް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.