22 ޖުލައި 2016 - 06:32

ކައިލީ ޖެނާގެ ލިޕްސްޓިކަކަށް އިތުރު ތައާރަފެއް ބޭނުމެއް ނުވާނެ އެވެ. އުމުރުން 18 އަހަރުގެ ކައިލީ ޖެނާ އަކީ "ރިއަލިޓީ ޓީވީ" ތަރިއެއްގެ އިތުރުން އޭނާގެ އަމިއްލަ ބްރޭންޑުގެ ކޮސްމެޓިކް ޕްރޮޑަކްޓްތަކަށް ވެސް އެހާ ޑިމާންޑް އޮވެ އެވެ. ރާއްޖޭގައި ވެސް ކައިލީ ބްރޭންޑުގެ ލިޕް ކިޓަކީ އެންމެ އަގުބޮޑުކޮށް އަަދި އެންމެ އަވަހަށް ވިކޭ ކޮސްމެޓިކް ބްރޭންޑެވެ.
މިހަފުތާގައި ކައިލީގެ އާ ލިޕް ކިޓްތަކެއް ނެރޭނެ ކަމަށް އޭނާ ވަނީ އިއުލާނުކޮށްފަ އެވެ. ކްރިސްޓިން، މަލިބޫ އަދި ޖިންޖާގެ ނަން ދީފައިވާ ތިން ވައްތަރެއްގެ ލިޕް ކިޓު ނެރޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އޭނާ ލޯންޗުކުރަން އުޅޭ ލިޕް ކިޓުތަކުގެ ވާހަކަ މިފަހަރު ވެސް އިއުލާންކުރީ ކައިލީގެ ސްނެޕްޗެޓު އެކައުންޓުންނެވެ.
"ކްރިސްޓިން" އަކީ ކައިލީ ޖެނާގެ މަންމަގެ ނަމުން ނަން ދީފައިވާ ލިޕްސްޓިކެކެވެ. މީގެ ކުރިން ކައިލީގެ ލިޕްސްޓިކްތަކަށް އޭނާގެ ދައްތަމެންގެ ނަން ދީފައިވެ އެވެ. "ކްރިސްޓިން" އަކީ ވަރަށް ރީތި މެޓް ސްޓްރޯބެރީ ކުލައެއްކަމަށް އޭނާ ބުންޏެވެ. "މަލިބޫ" އަކީ ވަރަށް ގަދަ "ކޫލް ޓޯން ނޫޑް" އެއް ކަމަށް އޭނާ ފާހަގަކުރި އެވެ. އަދި "ޖިންޖާ" އަކީ މި ތިން ލިޕްސްޓިކުގެ ތެރެއިން އޭނާ އެންމެ ގަޔާވާ ކުލަކަމަށް ފާހަގަކުރި އެވެ.