ރިޔާސީ އިންތިހާބު ބޭއްވޭ ފަދަ މާހައުލެއް މިވަގުތަށް އެބައޮތް: ޝަރީފް
ރިޔާސީ އިންތިހާބު ބޭއްވޭ ފަދަ މާހައުލެއް މިވަގުތަށް އެބައޮތް: ޝަރީފް

ރިޔާސީ އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް މިވަގުތަށް އެބަ އޮތް ކަމަށާއި ޝެޑިއުލާ އެއްގޮތަށް ރިޔާސީ އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ޖުލައި މަހު އިއުލާން ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން މަޝްވަރާކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ރިޔާސީ އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން އެއްވެސް ކަހަލަ ވާހަކައެއް ނުދެކެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެއްވެސް ފަރާތަކުން އެފަދަ މާހައުލެއް ނެތް ކަމަކަށް މަޝްވަރާ ދީ، އަންގާފައެއް ނެތް. ރިޔާސީ އިންތިހާބަށް ހުރަސް އެޅުމަށްޓަކައި އެއްވެސް މުއައްސަސާއަކުން އަދި އެއްވެސް ފަރާތަކުން ކުރާ ކަމަކަށް ގާނޫނީ ގޮތުން ބޯލަނބަން ޖެހޭ ކަމެއް ފިޔަވައި، އެހެން އެއްވެސް ފަރާތަކަށް އިލެކްޝަންސް ކޮމިޝަނަކުން ބޯނުލަނބާނެ،" ކޮމިޝަންގެ ހުރިހާ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވޯޓާސް ލިސްޓު ސައްހަކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޖުލައި މަހު ރިޔާސީ އިންތިހާބަށް އިއުލާން ކުރާއިރު، ވޯޓާސް ލިސްޓުގެ ފައިނަލް ލިސްޓެއް ހަމަ އެ މަހު އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށާއި އާންމު އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައި ހުރި އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ 2014 ގައި އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން، އެކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރުމުން ލިބުނު އިސްލާހުތަކެއް ކަމަށެވެ.

މީގެތެރޭގައި ސުޕްރީމް ކޯޓުން މިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން ނެރުނު ގައިޑްލައިންގައި ހިމެނޭ ކަންކަމާއި ޔޫރަޕިއަން ޕާލަމެންޓް (އީޔޫ) ގެ ފަރާތުން ލަފާދީފައި ހުރި އިސްލާހުތަކާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން އިސްލާހު ކުރަން އެދުނު ބައެއް ކަންކަން ހިމެނޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މި އަހަރު ކުރިއަށް ގެންދާނީ އިލެކްޓްރޯނިކް ވޯޓިން ކަމަށް ވާހަކަ ދެކެވުނަސް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ، މިހާތަނަށް ބޭއްވި އެހެން އިންތިހާބުތަކެކޭ އެއްގޮތަށް ވޯޓު ކަރުދާސް ބޭނުންކޮށްގެން ރިޔާސީ އިންތިހާބު ބާއްވާށެވެ. ރިޔާސީ އިންތިހާބަކީ ހާމަކަން ބޮޑު، މިނިވަން އިންސާފުވެރި އަދި ރައްޔިތުންގެ ބައިވެރިވުން ބޮޑު އިންތިޚާބަކަށް ވާނެ ކަމަށް އެ ކޮމިޝަނުން ގަބޫލުކުރެ އެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.

ރާއްޖޭގައި އަމަލުކުރަމުން އަންނަ ގޮތުން ރިޔާސީ ދައުރު ގުނަން ފަށަނީ ރިޔާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމުން ރައީސް އަބްދުﷲ ޔާމީން މިހާރުވެސް ކެމްޕެއިން މަސައްކަތް ފައްޓަވާފައި ވާއިރު އިދިކޮޅު ކޯލިޝަނުން އަންނަނީ އެ ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުންނެވެ.