ދެ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި
ދެ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި

ސިޔާސީ ދެ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ދެ ޕާޓީއެއް އަލަށް އުފައްދަން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ މައުލޫމާތުތައް އާދިއްތަ ދުވަހު އާންމު ކުރައްވާނެ ކަމަށެވެ. އަލަށް އުފައްދަން ހުށަހެޅި ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއެއް އުފައްދަން ހުއްދަ ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށާއި ސަބަބަކީ ޕާޓީއެއް އުފައްދަން ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތައް ފުރިހަމަ ވެފައި ނެތުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޕާޓީތައް އުފައްދަން ހުށަހެޅީ ކޮން ފަރާތްތަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި ދެ ޕާޓީއެއް އުފައްދަން ހުށަހަޅާފައި އެބައޮތް. އެހެން ނަމަވެސް އާދިއްތަ ދުވަސް އެއީ މުއްދަތު ހަމަވާ ތާރީޚު ކަމަށްވާތީ އެ ތާރީޚުގައި އަޅުގަނޑުމެން އެ އެއްޗެހި ޑިސް ކްލޯސް ކުރާނީ،" ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު ރަޖިސްޓްރީކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ޑީއާރުޕީ އަދި އެމްޑީއޭ އެވެ.