ކާންސް ފިލްމް ފެސްޓިވަލް ހުޅުވާނީ "އެވްރިބޮޑީ ނޯސް" އިން
ކާންސް ފިލްމް ފެސްޓިވަލް ހުޅުވާނީ "އެވްރިބޮޑީ ނޯސް" އިން

އަންނަ މަހު ބާއްވާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލް ހުޅުވާ ފިލްމަކަށް ސްޕެއިންގެ "އެވްރީބޮޑީ ނޯސް" ހަމަޖައްސައި، ފެސްޓިވަލްގައި ވާދަކުރާ ފިލްމްތައް އިއުލާންކޮށްފި އެވެ.

އަންނަ މަހުގެ 8-19 އަށް ފްރާންސްގެ ކާންސްގައި ކުރިއަށް ގެންދާ ފެސްޓިވަލް ހުޅުވާ ފިލްމަކީ ސްޕެއިންގެ ސައިކޮލޮޖިކަލް ތުރިލާއެކެވެ. ދެ ފަހަރަށް އޮސްކާ އެވޯޑް ހޯދާފައިވާ، އިރާންގެ ޑައިރެކްޓަރު އަސްގަރް ފަރްހާދީ ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ ޕެނެލޮޮޕް ކްރޫޒާއި ޒޭވިއާ ބާޑެން އަދި ރިކާޑޯ ޑެރިން އެވެ.

"އެވްރިބޮޑީ ނޯސް" އިން 71 ވަނަ ކާންސް ފިލްމް ފެސްޓިވަލް ހުޅުވާ އިރު، މިއީ އެ ފެސްޓިވަލްގެ ތާރީހުގައި ސްޕެއިންގެ ފިލްމްކުން ފެސްޓިވަލް ހުޅުވާ ދެވަނަ ފަހަރެވެ. އެ ފިލްމާ އެކު 18 ފިލްމް މި ފަހަރުގެ ކާންސްގައި ވާދަކުރެ އެވެ.

މި ފަހަރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސައުދީ އަރަބިއްޔާ އިން އަލަށް ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވާ ކަމެވެ. އެ ގައުމުން ފެސްޓިވަލްގައި ބައިވެރިވަނީ ކުރު 9 ފިލްމަކާ އެކުގަ އެވެ.

މި ފަހަރު ކާންސްގައި ނެޓްފްލިކްސްގެ އެއްވެސް ފިލްމެއް ނުފެންނާނެ އެވެ. އެގޮތަށް ނިންމީ ސިނަމާތަކުގައި ރިލީޒް ނުކުރާ ފިލްމްތަކަށް ކާންސް އިން މި އަހަރު ފުރުސަތު ނުދޭން ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ނެޓްފްލިކްސްގެ ޗީފް ކޮންޓެންޓް އޮފިސަރު (ސީސީއޯ) ޓެޑް ސެރެންޑޯޒް ވަނީ ކާންސްގެ ބޯޑަށް ވެސް ވަރަށް ބޮޑަަށް ފާޑު ވެސް ކިޔައިފަ އެވެ.

މި ފަހަރު ކާންސް ފިލްމް ފެސްޓިވަލްގެ ޖޫރީ ރައީސަކީ އޮސްޓްރޭލިއާގެ ބަތަލާ ކޭޓް ބްލެންޝެޓް އެވެ.