ކެޓްރީނާގެ ބައޮގްރަފީ ނެރޭނީ "ބާބީ ޑްރީމްސް" ގެ ނަމުގައި
ކެޓްރީނާގެ ބައޮގްރަފީ ނެރޭނީ "ބާބީ ޑްރީމްސް" ގެ ނަމުގައި

ހިންދީ ބަހުން ވާހަކަ ވެސް ދައްކަން ނޭނގި ބޮލީވުޑަށް ނުކުމެ، ބަތަލާ ކެޓްރީނާ ކެއިފަށް މިހާރު އާދެވިފައި ހުރި ހިސާބަށް ދަތުރު ކުރެވުނީ ލައްކަ މަސައްކަތުންނެވެ. އެތައް ބައެއްގެ އެހީތެރިކަމާ އެކުގަ އެވެ. އިނގިރޭސި މަންމައަކާއި އިންޑިއާ ބައްޕައަކަށް އުފަން ކެޓްރީނާއަކީ މިހާރު ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ.

ކެޓްރީނާ ބުނި ގޮތުގައި އޭނާގެ ހަޔާތާ ބެހޭ ފޮތެއް ލިޔުމުގެ ޝައުގުވެރިކަން އެބަ ހުއްޓެވެ.

ބޮލީވުޑްގެ އެންމެ ފަހުހެ ހަބަރުތައް ބުނާ ގޮތުން ކެޓްރީނާ، 34، ގެ ބައޮގްރަފީއެއް ނެރެން، އިންޑިއާގެ ޕަބްލިކޭޝަން ހައުސްކަން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެހެންވެ ކެޓްރީނާ މިހާރު ހުރީ އެ މަސައްކަތާއިގެން ކުރިއަށް ދާން ތައްޔާރަށެވެ.

އޭނާގެ ބައޮގްރަފީ ނެރޭނީ "ބާބީ ޑްރީމްސް" ގެ ނަމުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކެޓްރީނާއަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން، ބާބީ ޑޯލްއެއް އޭނާގެ ނަމުގައި ނެރުމުގެ ޝަރަފު ވެސް ލިބުނު ހަމައެކަނި ބަތަލާ އެވެ.

ފިލްމް "ބޫމް" އިން 2003 ގައި ބޮލީވުޑަށް ތައާރަފުވި ކެޓްރީނާ ވަނީ މިހާތަނަށް އިންޑިއާގެ އެންމެ މަޝްހޫރު ބައެއް ޑައިރެކްޓަރުންނާ އެކު، ކާމިޔާބު އެތައް ފިލްމެއް ކުޅެފަ އެވެ. އަދި އޭނާ ވަނީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ދެ އެކްޓަރުންގެ ތެރޭގައި ހިމެނޭ ސަލްމާން ހާނާއި ރަންބީރާ ކަޕޫރާ އެކު ލޯބީގެ ގުޅުންތަކެއް ބާއްވައިފަ އެވެ.

އެހެންވެ "ބާބީ ޑްރީމްސް" ވެގެން ދާނީ މި ހުރިހާ ވާހަކަތަކަކުން ރަހަ ހެޔޮވަރުކޮށްގެން ގެނެސް ދޭނެ ބައޮގްރަފީއަކަށް ކަމަށް ގަބޫލު ކުރެވެ އެވެ.

މިދިޔަ އަހަރު "ޓައިގާ ޒިންދާ ހޭ" އިން ފެނުނު ކެޓްރީނާގެ ދެ ފިލްމެއް މި އަހަރު ރިލީޒް ވާނެ އެވެ. އެއީ އާމިރް ހާނާ އެކު ކުޅޭ "ތަގްސް އޮފް ހިންދުސްތާން" އާއި ޝާހްރުކްއާ އެކު ކުޅޭ "ޒީރޯ" އެވެ.