12 އެޕްރީލް 2018 - 17:49

ރާއްޖޭގެ ތާރީހާއި އިލްމީ އެކި ދިރާސާތަކާއި އާއްމު މައުލޫމާތު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އޮންލައިން ޑޭޓާ ބޭސް އެއް ލޯންޗުކޮށްފި އެވެ.
"ސަރުނަ"ގެ ނަން ދީފައިވާ ޑޭޓާ ބޭހުގައި އިހުގެ ލިޔުންތައް ވެސް ހިމަނާފައިވެ އެވެ. ހަ ކެޓަގަރީއެއް ހިމެނޭ އެ ޕޯޓަލްގައި 1،500 އަށްވުރެ ގިނަ ލިޔުން ވަނީ ހިމަނައިފަ އެވެ.
ކެޓަަރީތަކުގެ ތެރޭގައި ހިމެނެނީ، އީ-ބުކްސް، އިލްމީ ލިޔުންތައް، އިމޭޖް ކަލެކްޝަން، ދިވެހި ބަހާ ގުޅޭ ލިޔުންތައް، ތީސީސް އަދި ޑެޒަޓޭޝަނާއި ސިލްސިލާ މަޒުމޫނުތަކެވެ.
އެ ޑޭޓާ ބޭސް ތައްޔާރުކުރުމުގައި އިސްދައުރެއް އަދާކުރެއްވި، އެމްއެންޔޫގެ ޗީފް ލައިބްރޭރިއަން ހުސެއިން ހަލީމް މިއަދު ވިދާޅުވީ އެފަދަ ވަސީލަތެއް ގާއިމުކުރީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ދަރިވަރަކަށް ވި ކަމުގައި ވެސް މައުލޫމާތާއި މުހިއްމު ފޮތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. މިއީ ދަރިވަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަފާތު އެކި ލިޔުންތަކާއި މަންޒަރުތަށް، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިޔަސް އެ ޑޭޓާ ބޭސް މެދުވެރިކޮށް ބެލޭނެ. ދަރިވަރުންގެ އެސައިމަންޓުތަކަށް، އެ ލިޔުންތަކުން ރިފަރެންސް ވެސް ދެވޭނެ. އޭގައި ހުންނާނީ ދިވެހީންނާ ގުޅުންހުރި މައުލޫމާތުތައް،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އޮންލައިނަށް ކޮންމެ ދުވަހަކު ވެސް ލިޔުންތައް އިތުރުވާނެ އެވެ.
ސަރުނަ އޮންލައިން އިން، އެ މީހަކު ބޭނުންވާ ލިޔުންތެރިއެއްގެ ލިޔުމެއް ވެސް ވަކިން ބަލައިލެވޭނެ އެވެ. އެ ނަމަކަށް ފިތާލުމުން، އެ ލިޔުންތެރިއެއް ލިޔެފައިވާ ފޮތްތަކާއި މަޒުމޫނުތަކާއި އިލްމީ ލިޔުންތައް ފެންނަން ހުންނާނެ އެވެ.