މި ސަރަހައްދުގެ ކުޅުންތެރިން އިންޑިއާގައި ކުޅެން ދައުވަތެއް
މި ސަރަހައްދުގެ ކުޅުންތެރިން އިންޑިއާގައި ކުޅެން ދައުވަތެއް

އިންޑިއާގެ ލީގުތަކުގައި ދެކުނު އޭޝިއާގެ ކުޅުންތެރިން ކުޅެ، އެއްކޮށް ކުރިއަރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޯލް-އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ރައީސް އަދި އޭއެފްސީގެ ނައިބް ރައީސް ޕްރަފުލް ޕަޓޭލް ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ޑާކާގައި އިއްޔެ މެންދުރުފަހު ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (ސާފް) ކޮންގްރެސްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ސާފަކީ ފުޓްބޯޅައިގެ ދުނިޔޭގައި ހިމެނޭ، ފުޓްބޯޅަ އަށް ލޯބިކުރާ ހަތް ގައުމުގެ އާއިލާއެއް ކަމަށެވެ.

"އެކަމަކު، އަހަރެމެން އެންމެން އެބަޖެހޭ މިއަށް ވުރެ ބުރަކޮށް އަދި މިއަށް ވުރެ ވަރުގަދައަށް މަސައްކަތްކުރަން ފީފާ ރޭންކިންގައި ކުރިއަށް ޖެހިލަން، ސަބަބަކީ މި ސަހަރައްދުގެ ހުރިހާ ގައުމެއް ވެސް މިވަގުތު އޮތީ ފަހަތުގައި ކަމަށް ވާތީ،" ޕަޓޭލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސާފުގެ ހުރިހާ ގައުމަކުން ގުޅިގެން އަމާޒަށް ވާސިލްވުމަށްޓަކައި އެ ގައުމެއްގެ ތަޖުރިބާ އާއި ވަސީލަތްތައް ހިއްސާކުރަން ޖެހޭ ކަމަށެވެ. އިންޑިއާގައި ފިރިހެން އަދި އަންހެން ފުޓްބޯޅައިގެ އެތައް މުބާރާތްތަކެއް ތައާރަފްވެއްޖެކަން ފާހަގަކުރައްވައި ޕަޓޭލް ވިދާޅުވީ އެއްކޮށް ކުރިއަރައި އަދި ސަރަހައްދުގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެ މުބާރާތްތަކުގައި މި ސަރަހައްދުގެ ކުޅުންތެރިން ކުޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އިއްޔެގެ ކޮންގްރެސްގައި ވަނީ ސާފްގެ ރައީސްގެ މަގާމަށް ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާޒީ ސަލާހުއްދީން އިންތިހާބުކޮށްފަ އެވެ. މި ކޮންގްރެސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެފްއޭއެމްގެ ނައިބް ރައީސާ އައިޝަތު ނާޒިމާ އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒެވެ.

ސަލާހުއްދީން ވިދާޅުވީ އަމާޒަކީ އޭއެފްސީ އާއި ފީފާގެ މުބާރާތްތަކުގައި މި ސަރަހައްދުން މިހާރަށް ވުރެ ރަނގަޅު ވާދައެއް ކުރުމަށްޓަކައި މެމްބަރު ހަތް ގައުމުގެ މެދުގައި ގުޅުން ވަރުގަދަކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ފުރަތަމަ އަމާޒަކީ އޭއެފްސީ ޗެމްޕިއަންސް ލީގު ކަމަށެވެ. އޭޝިއާގެ އެންމެ ބޮޑު ކްލަބް މުބާރާތުން ދެކުނު އޭޝިއާގެ ކްލަބްތަކަށް ސީދާ ޖާގައެއް ނޯވެ އެވެ.

ޕާކިސްތާން ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް އަދި އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު މަޚްދޫމް ސައިދު ފައިސަލް ވިދާޅުވީ ސާފުގެ ހުރިހާ ގައުމަކުން ވެސް ހިއްސާކުރެވޭ ވަސީލަތްތައް ބޭނުންކޮށްގެން ހަތް ގައުމުން ވެސް ޖޫނިއާ ލެވެލްގައި ފުޓްބޯޅަ ކުރިއަރުވަން ވިސްނަން ޖެހޭ ކަމަށެވެ.

ދެކުނު އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާގެ ދުވެލި ކުރިއާ ބަލާއިރު މިހާރު ވަނީ ހަލުވިވެފަ އެވެ. އެގޮތުން މިހާރު ވަނީ ޖޫނިއާ ސާފް ޗެމްޕިއަންޝިޕާއި އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ވެސް ތައާރަފްކޮށްފަ އެވެ.