ބޮންޑްގެ ރޯލުން ނުފެންނާނެކަން އިދްރިސް އެލްބާ ކަށަވަރުކޮށް ދީފި
ބޮންޑްގެ ރޯލުން ނުފެންނާނެކަން އިދްރިސް އެލްބާ ކަށަވަރުކޮށް ދީފި

ޖޭމްސް ބޮންޑްގެ ރޯލުން ދެން ފެންނާނީ އެކްޓަރު އިދްރިސް އެލްބާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

އިނގިރޭސިވިލާތަށް އުފަން އެކްޓަރު ބުނީ އޭނާ ބޮންޑްގެ ރޯލް ކުޅޭ ވާހަކަ އަކީ ބަޔަކު ހަދައިގެން ދައްކާ ވާހަކައެއް ކަމަށެވެ. އެހެންވެ އެ ވާހަކާގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް މި މަހުގެ 22 ގައި ރިލީޒް ކުރާ "ސްޓާ ޓްރެކް: ބިޔޯންޑް" ގައި ވިލަންއެއްގެ ރޯލް ކުޅެފައިވާ އެކްޓަރު ބުންޏެވެ.

މި އަހަރު ޓައިމް މެގަޒިނުން ހޮވި އެންމެ ނުފޫޒް ގަދަ 100 މީހުންގެ ތެރޭގައި ވެސް ހިމެނޭ އުމުރުން 43 އަހަރުގެ އިދްރިސް ބުނީ ބޮންޑްގެ ރޯލް އޭނާ ކުޅުމާ ބެހޭ ގޮތުން އެ ފިލްމް އުފައްދާ ފަރާތާ އެކު މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ވެސް ދެކެވިފައި ނުވާ ކަމަށެވެ.

"އަހަރެން ކުރިން ވެސް ބުނަމުން ދިޔަހެން ބޮންޑްގެ ރޯލަކީ ވަރަށް ވަރުގަދަ އަދި އެހާމެ ޝައުގުވެރި ކެރެކްޓާއެއް. އެކަމަކު އެ ރޯލް އަހަރެން ކުޅޭ ކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް،" ނިއުޔޯކްގެ ސްޕަ ޑްރައި ސްޓޯރްގައި އޭނާގެ ސްޕަޑްރައި ކަލެކްޝަން އެކްސް ލޯންޗް ކުރަން ބޭއްވި ހަފުލާގައި އިދްރިސް ބުންޏެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒް ކުރާ ދަ "ޑާކް ޓަވާ"، "ތޯ: ރެގްނަރޮކް" އަދި ވުޑީ އެލަންގެ ވަކި ނަމެއް ހަމަޖެހިފައި ނުވާ ފިލްމެއް ހިމެނެ އެވެ.

ޖޭމްސް ބޮންޑްގެ އެންމެ ފަހުގެ ހަތަރު ފިލްމުގައި ބޮންޑްގެ ރޯލް ކުޅުނީ އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގެވެ. އެހެން ނަމަވެސް އޭނާ ވަނީ ދެން ބޮންޑްގެ ރޯލް ނުކުޅެން ނިންމައިފަ އެވެ.

ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ބޮންޑްގެ ރޯލުން ދެން ފެނުން އެންމެ ގާތީ އިގިރޭސިވިލާތުގެ އެކްޓަރު އަދި އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ ޓޭލާ ސްވިފްޓާ މިހާރު ޑޭޓް ކުރަމުން އަންނަ ޓޮމް ހިޑެލްސްޓަން އެވެ.