12 އެޕްރީލް 2018 - 11:45

ލަންޑަން (އޭޕްރީލް 12) - ޕީއެސްޖީ އަންނަނީ މި ސީޒަން ފެށި ފަހުން ތަކުރާރުކޮށް ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވަމުން ކަމަށާއި އެ ޓީމަށް ޔުއެފާ އިން އަދަބުދޭން ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި މީޑިއާ އިން ދާދި ފަހުން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން ޕީއެސްޖީން ވަނީ ކުޅުންތެރިންގެ ސްޕޮންޝަޝިޕް އެއްބަސްވުންތަކެއް ތެރެއިން ކްލަބުގެ ޓްރާންސްފާތަކާއި އެހެން ކަންތައްތަކަށް ފައިސާ ހޯދައި އެފްއެފްޕީ ގަވާއިދާ ހިލާފުވެފަ އެވެ.
މި ސީޒަނުގައި ޕީއެސްޖީން ވަނީ ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ 222 މިލިއަން ޔޫރޯ އަށް ގަނެފަ އެވެ. އަދި މޮނާކޯ އަށް ކުޅޭ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ގެނެސްފައިވާއިރު، މި ސީޒަން ނިންމާފައި އޭނާގެ އެއްބަސްވުން ދާއިމީ ކުރާއިރު 180 މިލިއަން ޔޫރޯ ދައްކަން ޖެހެ އެވެ.
އެފްއެފްޕީގައިވާ ގޮތުން ކްލަބެއްގެ ދަރަނި 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ އެއް ޓްރާންސްފާ މާކެޓެއްގައި 160 މިލިއަން ޔޫރޯ އަށް ވުރެން ބޮޑު ހަރަދެއް ނުކުރެވޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަނުގައި ޕީއެސްޖީގެ ދަރަނި ރެކޯޑް ކުރެވިފައިވަނީ 50 އިންސައްތައިގަ އެވެ.
އިނގިރޭސި މީޑިއާ އިން އާންމުކުރި ރިޕޯޓްގައިވާ ގޮތުން ޕީއެސްޖީން ވަނީ ގަތަރު ޓޫރިޒަމްއާ ގުޅިގެން ފޭކް ސްޕޮންޝަޝިޕް އެއްބަސްވުންތަކެއް ހަަދައިފަ އެވެ. އެ ކްލަބްގެ ދަރަނިތަށް ފޮރުވަން ހެދި މި ފޭކް އެއްބަސްވުންތަކުގައިވާ ގޮތުން 200 މިލިއަން ޔޫރޯ ޕީއެސްޖީ އަށް ލިބުނު ކަމަށް އެ ކްލަބުގެ މާލީ ހިސާބުތަކުން ދައްކަ އެވެ.
މި ސީޒަނުގައި ޕީއެސްޖީ އަށް ޔޫރަޕްގެ މުބާރާތެއްގައި ކާމިޔާބު ލިބިފައިނުވާއިރު، އެ ޓީމަށް ޓީވީ ރައިޓްސް އާއި އެހެން ގޮތްގޮތުން މާ ގިނަ އާމްދަނީއެއް ހޯދޭނެ ގޮތެއް ނެތެވެ. އިނގިރޭސި މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި މި ހުރިހާ ކަމަކަށް ޔުއެފާ އިން ސީރިއަސް ނަޒަރަކުން ބަލަންޖެހޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޕީއެސްޖީ އަށް މިހާރު އަދަބެއް ހައްގުވާ ކަމަށް ވެސް ބުނެ އެވެ.
އެފްއެފްޕީއާ ހިލާފުވެގެން މީގެ ކުރިން ވެސް ޔުއެފާ އިން ވަނީ ޕީއެސްޖީ އަށް އަދަބުދީފަ އެވެ. އެގޮތުން 2014 ވަނަ އަހަރު ޔުއެފާ އިން ވަނީ އެ ޓީމު 60 މިލިއަން ޔޫރޯ އިން ޖޫރިމަނާ ކޮށްފަ އެވެ. އަދި އޭގެ ތެރެއިން 40 މިލިއަން ޔޫރޯ މާފުކޮށްދިނުމަށް ފަހު ދެން ދިން އަދަބަކީ ޗެމްޕިއަންސް ލީގު ސްކޮޑުގެ 25 ކުޅުންތެރިންގެ ތެރެއިން ހަތަރު ޖާގަ އުނިކުރުމެވެ.
ޕީއެސްޖީގެ މައްސަލައެއް މިހާރު ވެސް ޔުއެފާ އިން ތަހުގީގު ކުރަމުން އަންނައިރު، އެ ޓީމަށް މި ފަހަރު ބޮޑު އަދަބެއް ދޭން ޖެހޭ ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުންތަކެއް ވަނީ ބުނެފަ އެވެ.