12 އެޕްރީލް 2018 - 14:18

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި އެކަނިވެސް 378.2 މިލިއަން ރުފިޔާ ދައުލަތަށް ދައްކައިފި އެވެ.
މިއީ ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ޓެކްސްގެ ގޮތުގައި ދެއްކި ބޭންކެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތްދޭ ބީއެމްއެލް އިން 2015 ވަނަ އަހަރު 190 މިލިއަން ރުފިޔާ ދެއްކިއިރު 2016 ގައި 340.4 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އެއާއެކު ތިން އަހަރުގެ ތެރޭގައި ޖުމްލަ 908.7 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އެ ބޭންކުން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 8 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ބީއެމްއެލް އިން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 22 ރ.ގެ މަގުން ބަހަން ބޯޑުން ނިންމާފައިވެ އެވެ. އެގޮތުން ހިއްސާދާރުން ޖުމްލަ 118.4 މިލިއަން ރުފިޔާ ބަހަން ވަނީ ހަމަޖެހިފަ އެވެ.
އެ ބޭންކުން މިހާރު 20 އަތޮޅެއްގައި 34 ބްރާންޗް ހިންގަމުން ދާއިރު، 34 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 93 އޭޓީއެމް އަދި 4،900 ޕީއޯއެސް މާޗަންޓުންގެ އިތުރުން 205 ކޭޝް އެޖެންޓުންގެ ޚިދުމަތް ފޯރުކޮށްދެ އެވެ.