14 އެޕްރީލް 2018 - 07:57

ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދާލި ބަތަލާއިންގެ ތެރޭގައި ހިމެނުނު ރާކީ ގުލްޒާރް 15 އަހަރު ފަހުން އަލުން އެނބުރި އަންނަން ތައްޔާރުވެއްޖެ އެވެ.
އެކަމަކު މި ފަހަރު ސީދާ ބޮލީވުޑްގެ ފިލްމަކުންނެއް ނޫނެވެ. އުމުރުން މިހާރު 70 އަހަރުގެ ބަތަލާ ކުޅެފައި ވަނީ ބެންގާލީ ބަހުން ހަދާފައިވާ ފިލްމެކެވެ. މި ފިލްމަކީ އިންޑިއާގެ ކުރީގެ ބެންގާލީ ލިޔުންތެރިޔާ މޯތީ ނަންދީ ލިޔުނު ވާހަކަ "ބިޖޯލީބަލާރް މުކްތީ" އަށް ބިނާކޮށް، ގޯތަމް ހައިދާރް ޑައިރެކްޓްކޮށްފައިވާ "މުކްތީ" އެވެ.
"ބިޖޯލީބަލާރް މުކްތީ" ގައި ކިޔައިދެނީ ނަސްލީ ތަފާތުކުރުންތަކުގެ ތެރޭގައި އުޅެމުން އަންނަ ހުވަފަތްވެފައިވާ 70 އަހަރުގެ އަންހެނެއްގެ ވާހަކަ އެވެ.
އެ ރޯލް ކުޅެން އެއްބަސްވި ގޮތާ ބެހޭ ގޮތުން ރާކީ ބުނީ ފިލްމަށް އެއްބަސްވީ، އޭގެ ވާހަކައިގެ ސަބަބުން ކަމަށެވެ.
"މިހާރު އާންމުކޮށް އަހަންނަށް ފިލްމެއް ހުށަހެޅިޔަސް ހަމަ ނޫނެކޭ ބުނަނީ. އެ ހެޔޮ ކިތަންމެ ބޮޑު ޕްރޮޖެކްޓަކަށް ވިޔަސް،" 1990 ގެ އަހަރުތަކުގެ ތެރޭގައި ގިނަ ފިލްމްތަކެއްގައި މަންމައެއްގެ ރޯލް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އެކަމަކު މި ފަހަރު ގޯތަމްގެ ފިލްމަށް އެއްބަސްވި ހަމައެކަނި ސަބަބަކީ ބިޖޯލީބަލާރް މުކްތީ އަށް ބިނާކޮށް ހަދާ ފިލްމަކަށްވާތީ. އެއީ އަބަދު ވެސް އަހަންނަށް ވަރަށް ކަމުދާ ރީތި ވާހަކައެއް."
"މުކްތީ" ބެންގަލީ ބަހުން އުފެއްދުމަށް ފަހު، ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ހިންދީ އޯޑިއަންސަށް ވެސް ބެލޭ ގޮތަށެވެ. ހިންދީ އޯޑިއަންސަށް ފިލްމް ގެނެސް ދޭނީ "ނިރްވާން" ގެ ނަމުގަ އެވެ.
"މިއީ މިހާރުގެ މުޖުތަމައުގެ ހާލަތާ އަދިވެސް ވަރަށް ގުޅޭ ވާހަކައެއް. އެއަށް ފިލްމެއް ހަދާފައި ހިންދީ ބަހުން ވެސް ޑަބްކޮށްގެން ގެނެސް ދޭން ނިންމާފައިވާތީ ވަރަށް ހިތްހަމަޖެހިފައި މި ހުރީ." ރާކީ ބުންޏެވެ.
ކަބީ ކަބީ އާއި ދާގް، ކަސްމޭ ވާދޭ، މުގައްދަރް ކާ ސިކަންދަރް އަދި ތުރިޝޫލް ފަދަ އެތަކެއް ފިލްމެއް ކުޅެފައިވާ ރާކީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި 2003 ގެ "ދިލް ކާ ރިޝްތާ" އިންނެވެ.
"މުކްތީ" ރިލީޒް ކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޅެންވެރިޔާ ގުލްޒާރްއާ ކައިވެނިކޮށްގެން އުޅާ ރާކީ 15 އަހަރު ފަހުން ރާކީ ސްކްރީނަށް އެނބުރި އަންނަ އިރު، އޭނާގެ ދަރިފުޅު މެގްނާ ގުލްޒާރް ޑައިރެކްޓްކޮށްފައިވާ "ރާޒީ" އަންނަ މަހުގެ 11 ގައި ސިނަމާތަކަށް އަންނާނެ އެވެ.