21 ޖުލައި 2016 - 05:43

ސަލްމާން ޚާންގެ "ސުލްތާން" އަށް ޖުމްލަ 500 ކްރޯޑު (5000 މިލިއަން ރުޕީސް) އަށް ވުރެ ގިނައިން މިހާތަނަށް ލިބިއްޖެ އެވެ. އެއީ އިންޑިއާ އާއި ބައިނަލްއަގުވާމީ މާކެޓުން ލިބިފައިވާ ޖުމްލަ އެވެ. އިންޑިއާގައި ފިލްމު ރިލީޒްކުރިތާ 15 ދުވަސްވީއިރު 2710 މިލިއަން ރުޕީޒް ވަނީ ލިބިފަ އެވެ.
މި އަދަދުތަކާ އެކު "ސުލްތާން" އަށް ލިބިފައި ވަނީ މިހާތަނަށް އެންމެ ގިނައިން ވިޔަފާރިވީ ފިލްމުތަކުގެ ލިސްޓުގެ ފަސްވަނަ އެވެ. މިލިސްޓުގެ އެންމެ ކުރީގައި އޮތީ 7920 މިލިއަން ރުޕީސްއާ އެކު އާމިރު ޚާންގެ "ޕީކޭ" އެވެ. ދެ ވަނައިގައި 6260 މިލިއަން ލިބިގެން "ބަޖްރަންގީ ބައިޖާން" އޮތްއިރު ތިން ވަނައިގައި އޮތީ 6000 މިލިއަން ލިބުނު "ބާހޫބަލީ" އެވެ. އަދި ހަތަރު ވަނައިގައި 5420 މިލިއަން ލިބުނު "ދޫމް 3" އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓުވީޓެއްގައި "ސުލްތާން" އަށް 500 ކްރޯޑު (75 މިލިއަން ޑޮލަރު) ލިބިފައިވާކަން ޔަގީންކޮށްދީފައިވެ އެވެ.
ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން އުންމީދުކުރަނީ "ދޫމް 3" އާއި "ބާހޫބަލީ"ގެ ރެކޯޑަށް ވުރެ "ސުލްތާން" ގެ ރެކޯޑް މަތިވެގެން ދާނެ ކަމަށެވެ. ސަބަބަކީ މިހާރުވެސް ފިލްމު ވަރަށް ރަނގަޅަށް ހިނގާތީ އެވެ.
ނަމަވެސް އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް އާމިރުގެ "ޕީކޭ"ގެ ރެކޯޑް މުގުރާލެވިދާނެ ކަމަށް ނުބެލެވޭ ކަމަށް ގިނަ މީހުން ބުނެ އެވެ.
އިންޑިއާގައި ފިލްމު ރިލީޒްކުރިތާ 15 ދުވަސްވީއިރު 2710 މިލިއަން ރުޕީސް އަށް ވުރެ ގިނައިން ލިބިފައި ވެއެވެ.