12 އެޕްރީލް 2018 - 10:18

ލަންޑަން (އޭޕްރީލް 12) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ސްޓޯކް ސިޓީ އަތުން ޓޮޓެންހަމް މޮޅުވި މެޗުގައި އެ ޓީމުން ޖެހި ދެ ވަނަ ގޯލަކީ ހެރީ ކޭން ޖެހި ގޯލެއް ކަމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޕެނަލުން ނިންމައިފި އެވެ.
ސްޓޯކް ކޮޅަށް ޓޮޓެންހަމުން ޖެހި ދެ ވަނަ ގޯލު ވަނީ ކްރިސްޓިއަން އެރިކްސަން ނެގި ހިލޭ ޖެހުމަކުން ކޭން ގައިގައި ބޯޅަ ޖެހިފަ އެވެ. އެހެން ނަމަވެސް އެ ދުވަހު އެ ގޯލަކީ އެރިކްސަންގެ ގޯލެއް ކަމަށް ނިންމި އެވެ. އެހެން ނަމަވެސް މެޗަށް ފަހު އެކަމާ ހިތްހަމަ ނުޖެހި، ކޭން ވަނީ އެ ނިންމުމަށް ފާޑުކިޔައިފަ އެވެ. އަދި ތަކުރާރުކޮށް އެއީ އޭނާގެ ގޯލެއް ކަމަށް ވަނީ ބުނެފަ އެވެ. ނަތީޖާއެއްގެ ގޮތުން ޓޮޓެންހަމުން ވަނީ އެ ގޯލު ކޭން އަށް ދޭން އެޕީލް ކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ ތިން މީހުންގެ ޕެނަލަކުން އެ ގޯލުގެ ވީޑިއޯ އާއި ކޭންގެ ވާހަކަތަކަށް ބެލުމަށް ފަހު ވަނީ ކޭން ޖެހި ގޯލެއް ކަމަށް ބަދަލުކޮށްފަ އެވެ.
މި ނިންމުމާ އެކު ލީގުގައި ކޭން ޖެހި ގޯލުގެ އަދަދު ވަނީ 25 އަށް އަރައިފަ އެވެ. އެހެން ނަމަވެސް ލީގުގެ ރަން ބޫޓު ރޭހުގައި ކޭން އަދިވެސް އޮތީ ލިވަޕޫލްގެ މުހައްމަދު ސަލާހަށް ވުރެ ހަތަރު ގޯލު ފަހަތުގަ އެވެ. ސަލާހު ވަނީ ލީގުގައި 29 ލަނޑު ހަމަކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ ރަން ބޫޓު މިދިޔަ ދެ ސީޒަނުގައި ހޯދީ ކޭން އެވެ. ރަން ބޫޓުގެ ރޭހުގައި މި ފަހަރު ކޭން ފަހަތަށް ވެއްޓުނީ ދާދި ފަހުން އޭނާ ކުޑަހުޅަށް ލިބުނު އަނިޔަކާ ގުޅިގެން މެޗުތަކެއް ގެއްލިގެންނެވެ.
ކޭންގެ ލަނޑަކަށް ނިންމުމުން ސޯޝަލް މީޑިއާގައި ކޭން އަށް އަންނަނީ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި ލިވަޕޫލްގެ މުހައްމަދު ސަލާހު ވެސް ވަނީ އެ ނިންމުމާ މެދު ހައިރާންވާ ކަހަަލަ މޭރުމަކުން ޓްވީޓެއް ކޮށްފަ އެވެ.
ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުތަކުގައި ކޭން ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ. އަދި ސަލާހު ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.