13 އެޕްރީލް 2018 - 07:46

އަޖޭ ދޭވްގަން ލައްވައި "ސިންގަމް" ކިޔާ ފުލުހެއްގެ ރޯލް ދެ ފިލްމެއްގައި ކުޅުވުމަށް ފަހު، ޑައިރެކްޓަރު ރޯހިތު ޝެޓީ މިހާރު ބުނަނީ އަންހެން "ސިންގަމް" އެއް ވެސް އުފައްދާނެ ކަމަށެވެ.
މި މަހުގެ 20 އިން ފެށިގެން، ޑިސްކަވަރީ ޗެނެލުން ކުޑަކުދިންނަށް ހާއްސަކޮށްގެން ދައްކަން ފަށާ ސިންގަމްގެ އެނިމޭޓެޑް ވާޝަން "ލިޓްލް ސިންގަމް" ލޯންޗްކުރަން ބޭއްވި އިވެންޓްގައި ރޯހިތު ބުނީ "ސިންގަމް" ގެ ފިލްމެއްގައި ވަރުގަދަ އަންހެން ފުލުހެއްގެ ކެރެކްޓާ ދައްކާލަން ބޭނުންވާ ކަމަށެވެ.
"ލިޓްލް ސިންގަމްގައި ވެސް އަހަރެމެން އަންހެން ފުލުހެއްގެ ކެރެކްޓާ ހިމަނާނަން،" މިދިޔަ އަހަރު "ގޯލްމާލް އެގެއިން" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
ރޯހިތު ބުނި ގޮތުގައި އަންހެން "ސިމްގަމް" މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ. ނަމަވެސް އޭނާ ދެން އުފައްދާނީ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އެވެ. މި ވެސް ހަމަ ފުލުހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ސިމްބާ" ގެ ލީޑް ރޯލުން ފެނިގެން ދާނީ ރަންވީރް ސިންގް އާއި ސާރާ އަލީ ހާނެވެ.
"ސިމްބާ ނިންމާފައި ހަދާނެ ފިލްމެއް އަހަރެން އަދި ނުނިންމަން. ވިސްނުމުގައި އެބަހުރި އަނެއްކާ ވެސް ގޯލްމާލްގެ އިތުރު ބައެއް ގެނެސް ދޭނީތޯ ނޫނީ ސިންގަމްގެ ތިން ވަނަ ބައި ގެނެސް ދޭނީތޯ،" ކާމިޔާބު ޑައިރެކްޓަރު ބުންޏެވެ.
ރޯހިތު ބުނި ގޮތުގައި "ސިމްބާ" އަށް ފަހު އޭނާ ދެން ވެސް ހެދުން އެންމެ ގާތީ އަޖޭ ލީޑް ރޯލް ކުޅޭ ފިލްމެކެވެ. އޭނާ މިހާތަނަށް ގިނަ ފިލްމް ޑައިރެކްޓް ކުރީ ވެސް ގާތް އެކުވެރިޔާ އަޖޭ ހިމަނައިގެންނެވެ.
"އެކަމަކު ފްރެންޗައިޒަކަށް ވުރެ ބޮޑަށް އަނެއްކާ ވެސް މުޅިން ތަފާތު އެއްޗަކަށް އޭތި ވާނީ،" ޝާހްރުކް ހާނާ އެކު "ޗެންނައި އެކްސްޕްރެސް" އާއި "ދިލްވާލޭ" ގެނެސް ދިން ރޯހިތު ބުންޏެވެ.
"ލިޓްލް ސިންގަމް" މި މަހުގެ 20 ފެށިގެން ދައްކާއިރު، ހަތަރު ބަހަކުން ގެނެސް ދޭނެ އެވެ. އެއީ ހިންދީ، އިނގިރޭސި، ތެލެގޫ އަދި ތަމަޅަ އެވެ.
އަޖޭ އާއި ކާޖަލް އަގަރްވާލް ލީޑް ރޯލް ކުޅުނު "ސިންގަމް" ގެނެސް ދިނީ 2011 ގަ އެވެ. އަދި އަޖޭ އާއި ކަރީނާ ކަޕޫރާ އެކު "ސިންގަމް ރިޓާން" ގެނެސް ދިނީ 2014 ގަ އެވެ. އެ ދެ ފިލްމަކީ ވެސް 100 ކްރޯޑް ކުލަބުން ޖާގަ ހޯދާފައިވާ ދެ ފިލްމެވެ.