14 އެޕްރީލް 2018 - 07:58

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕެޒް (ޖޭލޯ) ގެ މޭކަޕްތަކަށް ލޯބިކުރާ މީހުންނަށް، މާ ލަސްތަކެއް ނުވެ، އޭނާގެ މޭކަޕް ސާމާނު ލިބޭނެ އެވެ. އަބަދުވެސް ވަރަށް ސްޓައިލިޝްކޮށް ހުންނަ ޖޭލޯގެ މޭކަޕްލައިން "ޖެނިފާ ލޮފެޒް އިންގްލޮޓް" މި މަހުގެ 26 ގައި ރަސްމީކޮށް ލޯންޗް ކުރަން ނިންމާފައިވާ އިރު، މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޕްރިި-އޯޑަ ކުރުމުގެ ފުރުސަތު ވެސް ހުޅުވައިލަން ވަނީ ނިންމައިފަ އެވެ. އޭނާގެ މޭކަޕްލައިން މި ނެރެނީ ޕޮލަންޑްގެ ކޮސްމެޓިކް ކުންފުނި އިންގްލޮޓްއާ ގުޅިގެންނެވެ.
މިއީ ޖޭލޯ، 48، ގެ މޭކަޕް ލައިނެއް އާންމުންނާ ހަމައަށް އަންނަ ފުރަތަމަ ފަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޖެނިފާ ލޮފެޒް އިންގްލޮޓް" ގެ ލޭބަލްގެ ދަށުން، މޭކަޕަށް ބޭނުންވާ 70 އުފެއްދުމެއް ނެރޭނެ އެވެ. އޭގެ ތެރޭގައި ޕައުޑާ، ބްލަސް، ލިޕްސްޓިކް، ބްރޯންޒާ އަދި އައި ޝެޑޯޒް ފަދަ އުފެއްދުންތައް ހިމެނެ އެވެ. އުފެއްދުންތަކުގެ އަގުތައް އުޅޭނީ 8.50 ޑޮލަރާއި 49 ޑޮލަރާ ދެމެދުގަ އެވެ.
"ޖެނިފާ ލޮފެޒް އިންގްލޮޓް" މި މަހުގެ 26 ގައި ނެރުމާ އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އިންގްލޮޓްގެ 755 އައުޓްލެޓަކުންނާއި މޭސީސް ސްޓޯސްގެ 25 އައުޓްލެޓަކުން ގަންނަން ލިބޭނެ އެވެ.
ބައެއް ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ޖޭލޯގެ މޭކަޕް ލައިން ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާނެ އެވެ.
ޖޭލޯ މީގެ ކުރިން ވަނީ އޭނާގެ އަމިއްލަ ލޭބަލެއްގެ ދަށުން 24 ވައްތަރެއްގެ ސެންޓް ވެސް ބާޒާރަށް ނެރެފަ އެވެ. އޭގެ ވިޔަފާރި މިހާރު ދެ ބިލިއަން ޑޮލަރަށް އަރަ އެވެ.