ކޭން ސޭޓަށް ހަމަލަ ދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ
ކޭން ސޭޓަށް ހަމަލަ ދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ސޭޓު) އަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މަހުގެ ދެވަނަ ދުވަހުގެ ރޭ ކޭން ސޭޓަށް ހަމަލަ ދިން މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ކޭން ސޭޓަށް ހަމަލާދީފައި ވަނީ ގިނަ އަދަދެއްގެ ފައިސާތަކެއް ހިފައިގެން ގެ އަށް ވަންނަނިކޮށް އޭނާގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު ކަމަށް ވެ އެވެ.

ހަމަލާ ދިން ވަގުތު ކޭން ސޭޓު އަތުގައި ނުވަ ލައްކަ އާއި 1.1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ހުރި ކަމަށް ވެ އެވެ. އޭގެ ތެރޭގައި 26،000 ޑޮލަރު ހިމެނެ އެވެ.

ފަހަކަށް އައިސް، މާލޭގައި ވައްކަމާއި ފޭރުމުގެ ހާދިސާތައް ފުލުހުންނަށް ހުށަހަޅާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން، ޗާންދަނީ މަގުގައި ހުންނަ ރޮމްބަސް ފިހާރަ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ފަޅާލައި، އެ ތަނަށް ގެއްލުން ދިނުމަށް ފަހު ވައްކަން ކުރި މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.