ކުޑައިރުގެ ހަނދާންތައް ނުހުންނަނީ ކީއްވެ؟
ކުޑައިރުގެ ހަނދާންތައް ނުހުންނަނީ ކީއްވެ؟

އުމުރުން ތިން އަހަރު ނުވަތަ ހަތަރު އަހަރުގައި ވެފައި ހުންނަ ކަންތައްތަކުގެ ހަނދާން ނުހުންނަ މީހުން ވަރަށް ގިނަވާނެ އެވެ. އަދި އުމުރުން ހަތް އަހަރާ ހިސާބަށް ދާއިރު ވެފައި ހުންނަ ކަންކަމުގެ ހަނދާން ވެސް ހުންނަނީ ވަރަށް ކުޑަކޮށެވެ. ކުޑައިރުގެ ހަނދާންތަކާ ގުޅިފައި ހުންނަ ފޮޓޯ އާއި އެ ދުވަސްވަރުގެ އެއްޗެހި ފެނުމުން ވެސް އެއީ ސީދާ ކޮން ކަމަކާ ގުޅުން ހުރި އެއްޗެއް ކަމެއް ވެސް ބައެއް މީހުންނަށް ފަސޭހައިން ނަގައެއް ނުގަނެވެ އެވެ.

މި މައްސަލަ އަށް ކިޔަނީ "ޗައިލްޑްހޫޑް އެމްނީސިއާ" އެވެ. މިއީ ކިހިނެއް ދިމާވާ ކަމެއްތޯ ބެލުމަށް ސައިންސްވެރިން މަސައްކަތްކުރާތާ ޒަމާންތަކެއް ވެއްޖެ އެވެ. އަދިވެސް މިކަން ރަނގަޅަށް ދެނެ ނުގަނެވެ އެވެ. މިއީ އެކަމާ ބެހޭ ގޮތުން "ދަ ކޮންވަޒޭޝަން" ގައި ޝާއިއުކޮށްފައި ލިޔުމެއްގެ ހުލާސާ ތަރުޖަމާއެކެވެ.

މިއީ ކިހިނެއް ދިމާވާ ކަމެއްތޯ ބަލާއިރު އެންމެ ފުރަތަމަ ގަބޫލުކުރެވޭނީ ކުޑައިރު ސިކުނޑި ރަނގަޅަށް ތަރައްގީވެފައި ނުހުންނާތީ ހަނދާތައް ރައްކާކުރެވިފައި ނުހުންނަނީ ކަމަށެވެ. އެކަމަކު އުމުރުން އެންމެ ހަ މަހުގެ ކުދިންގެ ވެސް މަދު މިނެޓްކޮޅެއްގެ ހަނދާނާއި ހަފުތާތަކަކަށް ދެމިގެންދާ ހަނދާން ސިކުނޑީގައި ހަރުލަ އެވެ. އެއް ދިރާސާއެއްގައި ބުނާ ގޮތުން ހަ މަހުގެ ކުއްޖަކު ވެސް، ކުޅޭ އެއްޗެއް އޮޕަރޭޓްކުރާ ގޮތް އެއްފަހަރު ދަސްކުރުމަށް ފަހު އެކަން ތިން ހަފުތާގެ މުއްދަތަށް ހަނދާން ހުރެ އެވެ. އަދި ޕްރީސްކޫލްގައި އުޅޭ އުމުރުގެ ކުދިން އެތައް އަހަރެއް ވަންދެން ކަންތައްތައް ހަނދާނުގައި ހުރެ އެވެ. އެކަމަކު ކުޑައިރުގެ ހަނދާންތައް މުޅި އުމުރަށް ހުންނަކަމާ މެދު ސައިންސްވެރިންގެ މެދުގައި ހިޔާލު ތަފާތުވެ އެވެ.

ގަބޫލުކުރަން ޖެހޭ ކަމަކީ އެންމެ ކުޑައިރު ސިކުނޑީގައި ހަނދާނުގެ ބައި ހުންނާނީ ބޮޑު މީހެއްގެ ހުންނަ ގޮތަށް ނޫން ކަމެވެ. ފުރާވަރަށް އަޅަންދެން ސިކުނޑި ދާނީ ހެދި ބޮޑުވަމުންނެވެ. މި މަރުހަލާގެ ތެރޭގައި ހަނދާނާ ގުޅުން ހުރި ބައިތަކަށް ވެސް އެކި ދުވަސްވަރު ދާނީ ބަދަލުތައް އަންނަމުނެނެވެ. އެގޮތުން، ސިކުނޑީގައި ރައްކާކުރާ މައުލޫމާތު ފަހުން ނަގައި ބޭނުންކުރުމާ ބެހޭ ބައިތަކުގެ ތަރައްގީ ވެސް ހިމެނެ އެވެ. އެ ބައިތައް ހެދިބޮޑުވެ ތަރައްގީވާ ގޮތެއްގެ ސަބަބުން ކުރީގެ ހަނދާތައް އާކުރަން ބައެއް މީހުންނަށް ފަސޭހަވާއިރު އަނެއް ބަޔަަކަށް ދަތި ކަމަކަށް ވަނީ އެވެ. މިއީ ނަފްސާނީ އިލްމުގެ ވަރަށް ގިނަ އިލްމުވެރިން ގަބޫލުކުރާ ތިއަރީއެކެވެ.

އެކަމަކު މިއީ ފުރިހަމަ ޖަވާބެއް ނޫނެވެ. ބަސްމޮށުންތެރިކަމުގެ ހުނަރު ކުދިންގެ ކިބައިގައި ތަރައްގީވާ މިންވަރާ ހަނދާން ގަދަވުމާ ވެސް ގުޅުން ހުންނަކަން ދިރާސާތަކުން ކަށަވަރުވެ އެވެ. އަދި ހާއްސަކޮށް އެ ކުއްޖެއްގެ މާދަރީ ބަހަށް އަވަހަށް ފަރިތަވާ ކުދިންގެ ހަނދާން ރަނގަޅު ކަމަށްވެ އެވެ.

ހަނދާން ގަދަވުމާއި ހަނދާން ބަލިވުމާ ގުޅުން ހުރި ސަބަބުތައް ވަރަށް ގިނަ އެވެ. އެކަމަކު އުމުރުގެ އެންމެ ކުރީކޮޅުގެ ހަނދާންތަކާ ގުޅިފައިވާ ކަންކަމަކީ މީހާގެ އުޅުމާއި ވައްޓަފާޅި ބައްޓަންވެގެން ދިއުމަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ ކަންކަމެވެ.