އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި މުސާރައިގެ ދެ ޕަސެންޓް!
އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި މުސާރައިގެ ދެ ޕަސެންޓް!

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ފައިދާއިން ބޯނަސްގެ ގޮތުގައި، މުސާރައިގެ ދެ ޕަސެންޓަށް ޖެހޭ މިންވަރު ބަހައިފި އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ފައިދާ އިން ބޯނަސް ބަހާފައިވާ ކަމަށެވެ. އޭގެ ތަފުސީލެއް ނުދިން ނަމަވެސް "މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ ކުންފުނިން 2017 ވަނަ އަހަރު ބޯނަސްގެ އަސާސީ މުސާރައިގެ ހަތަރު ޕަސެންޓް ދިން އިރު މިފަހަރު ދިނީ ދެ ޕަސެންޓެވެ.

އެ ކުންފުނިން ބޯނަސް ބެހީ ހުރިހާ މުވައްޒަފުންނަށް އެއްވަރަކަށްތޯ އެހުމުން އޭނާ ވިދާޅުވީ އެ މުވައްޒަފުންނަށް ބޯނަސް ދިނީ މުސާރައިގެ އޮނިގަނޑަށް ބަލާފައި ކަމަށެވެ. އަދި އޭގެ އިތުރު ތަފުސީލް ދިނުމަށް އޭނާ އިންކާރުކުރި އެވެ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފަކު ބުނީ ބޯނަސްގެ ގޮތުގައި ދިން މިންވަރު ހާމަނުކުރަން އަންގާފައިވާ ކަމަށެވެ.

ސަރުކާރުގެ 80 ޕަސެންޓް ހިއްސާވާ އަދި ޖަޕާނުގެ ހިޓާޗީ ކުންފުނީގެ 20 ޕަސެންޓް ހިއްސާވާ ކުންފުނީގެ ފައިދާއިން މިދިޔަ އަހަރު ސަރުކާރަށް 30 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި މި އަހަރުން ފެށިގެން ކުރިޔަށް އޮތް ތިން އަހަރު 172.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.