ފެނަކައިގެ 15 ބުރީގެ ޓަވަރު އަޅަން އަލުން އިއުލާންކޮށްފި
ފެނަކައިގެ 15 ބުރީގެ ޓަވަރު އަޅަން އަލުން އިއުލާންކޮށްފި

ހުޅުމާލޭދެ ދެ ވަނަ ފިޔަވަހީގައި "ހިޔާ" ޕްރޮޖެކްޓްގެ ދަށުން 15 ބުރީގެ ޓަވަރެއް އަޅަން ފެނަކައިން ހުޅުވާލުމުން ހުށަހެޅި އަގުތައް އެކަށީގެންވާ ވަރަށް ވުރެ ބޮޑުވާތީ އެތަން އަލުން ބިޑަށް ލައިފި އެވެ.

ރަށްރަށަށް ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުނިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 15 ބުރީގެ ޓަވަރެއް އަޅަން ބިޑް ހުށަހަޅަން ފުރަތަމަ ހުޅުވާލީ މިދިޔަ ޑިސެމްބަރު 4ގަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން މިއަދު ވިދާޅުވީ ހިޔާ ޕްރޮޖެކްޓްގެ ދަށުން 15 ބުރީގެ ޓަވަރެއް އަޅަން ފުރަތަމަ ހުޅުވާލުމުން ހުށަހެޅި އަގުތައް އިވެލުއޭޓްކުރިއިރު އެކަށީގެންވާ ވަރަށް ވުރެ ބޮޑު ކަމަށެވެ.

"އެ އަގުތަކަކީ މިތަނުގެ ސްޓާފުން އަނބުރާ ދައްކާއިރު އެކަށީގެންވާ ވަރުގެ ހެޔޮ އަގަކަށް ވާން ޖެހޭނެ. ނަމަވެސް އޭރު ހުށަހެޅި އަގުތައް ބޮޑުވުމުން އަލުން އިއުލާންކުރަން ބޯޑުން ނިންމީ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 12،000 އަކަފޫޓުގެ ބިމެއްގައި ފެނަކައިން ހަދާ 15 ބުރީގެ ޓަވަރުގައި 168 ފްލެޓް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ފެނަކަ ކޯޕަރޭޝަންގައި 2،000 އެއްހާ މުވައްޒަފުން މަސައްކަތްކުރެ އެވެ.

ލަމްއާން ވިދާޅުވީ އެ ކުންފުނިން ހަދާ އެޕާޓްމަންޓްތަކަށް ހުރިހާ މުވައްޒަފުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

ފެނަކައިން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ޓަވަރެއް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

އެ ކުންފުނިން 15 ބުރީގެ ޓަވަރެއް އަޅަން ދެވަނަ ފަހަރަށް އިއުލާންކުރިއިރު ސަރުކާރުގެ ގިނަ ކުންފުނިތަކުން ދަނީ އެތަނުގައި ޓަވަރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.