11 އެޕްރީލް 2018 - 16:26

މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ސިޔާސީ އިދިކޮޅު ބޭފުޅުންނާ މެދު ޖަލުގައި ކަންތައް ކުރަމުން އަންނަ ގޮތުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އިދިކޮޅު ޕާޓީތަކުގެ ބޭފުޅުން މިއަދު ކަރެކްޝަންސް އަށް ވަޑައިގަތުމުން، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އެ ބޭފުޅުންނާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވައިފި އެވެ.
ކަރެކްޝަންސްގެ އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ޝިހާނާ މިއަދު ބައްދަލު ނުކުރެއްވުނަސް އެޕޮއިންޓްމަންޓަކަށް އެދިފައިވާނެ ކަމަށެވެ. އެ ކަމަށް ޖަވާބު ދޭނެ ދުވަހެއް ނޭނގޭ ކަމަށް އެ އޮފީހުން ބުނެފައިވާ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރެވޭނީ ކޮން ކަންތައްތަކެއްތޯ، ކީއްވެގެންތޯ ކަރެކްޝަންސް އިން އެ ގޮތަށް އިހުމާލުވަނީ. އެ ކަންކަން ސާފު ކުރުމަށްޓަކައި މިއަދު ކަރެކްޝަންސް އަށް މި ދިޔައީ. ނަމަވެސް ވަރަށް ދެރަކޮށް މި ދިޔައީ. އެ ބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކުރެވޭ ގޮތެއް ހަމައެއް ނުޖެހުނު. ގައުމަށް ދިމާވެފައިވާ ހާއްސަ ހާލަތަށް ރިއާޔަތް ކުރުމެއް ނެތި، އެ ބޭފުޅުން ވިދާޅުވީ އެޕޮއިންޓްމަންޓެއް ހަދައިގެން އެ އިން ޖަވާބު ލިބޭ އިރަކުން، އެ ޖަވާބެއް އަރުވާ ގޮތަކުންނޭ ބައްދަލުވުންތައް ކުރި އަށް ގެންދެވޭނީ،" ޝިފާޒު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްުދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިހާރު ތިއްބެވީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްގަރު ދާއިރާގެ ފާރިސް މައުމޫން ވެސް ވަނީ ޝަރީއަތް ނިމެންދެން ޖަލަށް ލައިފަ އެވެ.
ޝިފާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ކަރެކްޝަންސް އިން ބައްދަލު ނުކުރިއަސް، ޖަލުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރަން ދާންޖެހޭ ކޮންމެ ތަނަކަށް ދާނެ ކަމަށެވެ.
މިހާރު ހައްޔަރުކޮށްފައިވާ ބޭފުޅުންނަށް ޖަލުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށް އެ ބޭފުޅުންގެ ވަކީލުންނާއި އެ އާއިލާތަކުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ. އެގޮތުން އާއިލީ ބައްދަލުވުންތަކާއި ބޭސްފަރުވާގެ ކަންކަމާއި އިންސާނީ އެތައް ހައްގެއް ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައިވާ ގިނަ ބަޔަކު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. އެ ބޭފުޅުންނަކީ އެއްވެސް ހުކުމެއް ތަންފީޒު ކުރަމުންދާ ބައެއް ނޫން ކަމަށާއި އިންސާނީ ހައްގުތައް ނިގުޅައިނުގަނެވޭނެ ކަމެއް އޭނާ ވިދާޅުވި އެވެ.
"ބައެއް ފަރާތްތަކަށް މަހަކު ދެ ފަހަރު ތިން ފަހަރު އެބަ ލިބޭ، އަނެއް ބައި ފަރާތްތަކަށް މަހަކު އެއް ފަހަރު އާއިލީ ބައްދަލުވުންތައް ލިބެނީ. އޭގެ ސަބަބެއް ކަމަށް ބުނަނީ އެ މީހުންގެ ގަވާއިދުގައި އެ ގޮތަށް އޮންނާތީއޭ. ނަމަވެސް ގަވާއިދުގައި އޮންނަ މަދުވެގެން މަހަކު އެއް ފަހަރު އެއީ، ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ވާހަކަ،" އަލީ ޒާހިރު ވިދާޅުވި އެވެ.
މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ޖަލުގައި ބަންދުކޮށްފައި ތިއްބެވި ބޭފުޅުން ތިއްބެވީ ވަރަށް ދަތި ހާލުގައި އަދި އަސާސީ ހައްގުތަކުން މަހުރޫމުކޮށްފައި ކަމަށެވެ. އެ ބޭފުޅުންނަށް ލާއިންސާނީ އަމަލުތައް ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ބޭފުޅުން ހިތާމަ ކުރައްވަނީ އެ ކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކުން ޖަވާބު ދިނުމަށް ފަސްޖެހެމުންދާތީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް ދިޔައީ، އެ ތަނުގައި ތިބޭ މެމްބަރުން ކޮޓަރި އަށް ވަދެ ތަޅުލަނީ. ކަރެކްޝަންސް ސާވިސް އަށް އައިމަ މި ތަނުގައި ހުންނެވި ބޭފުޅާ އަށް ކެރިވަޑައެއް ނުގެންނެވި، އެ ތަނުން ނިކުމެ އަޅުގަނޑުމެންނާ ކުރިމަތިލާކަށް. އެ އިހުމާލުތަކަކީ ވަރަށް ބޮޑު ޖަރީމާތަކެއް،" އަމީތު ވިދާޅުވި އެވެ.