11 އެޕްރީލް 2018 - 13:48

މެޑްރިޑް (އޭޕްރިލް 11) – ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ރެއާލް މެޑްރިޑުގެ ރަމްޒު ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.
ރޮނާލްޑޯ އަކީ މެޑްރިޑުގެ ރައީސްކަމާ 2009 ވަނަ އަހަރު، ދެ ވަނަ ފަހަރަށް ޕެރޭޒް ހަވާލުވެވަޑައިގެން ގެންނެވި ފުރަތަމަ އެއް ކުޅުންތެރިޔާ އެވެ. އެ ކްލަބުގައި ރޮނާލްޑޯ ވަނީ ކުޅުންތެރިޔަކަށް ކްލަބް ކެރިއަރުގައި ހޯދޭނެ ހުރިހާ ކާމިޔާބެއް ހާސިލްކޮށް އިންޑިވިޖުއަލީ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި ހަތަރު ބެލޮންޑިއޯ ހިމެނެ އެވެ. ރޮނާލްޑޯ އަކީ މިހާރު ރެއާލް މެޑްރިޑުގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާ އެވެ.
ޕެރޭޒް ގަބޫލުކުރައްވާ ގޮތުގައި ރޮނާލްޑޯގެ އޮތީ މެޑްރިޑުގެ ކުރީގެ ތަރި އަލްފްރެޑޯ ޑި ސްޓެފާނޯގެ އޮތް ފަދަ ނުފޫޒެކެވެ. ޑި ސްޓެފާނޯ އަކީ މެޑްރިޑުން 1956 އިން ފެށިގެން ޖެހިޖެހިގެން ފަސް ފަހަރު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ.
"އޭނާ އަކީ އަހަރެމެންގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ކުޅުންތެރިޔާ. އަދި އޭނާ އެބަ ތަމްސީލްކުރޭ އަހަރެމެން އެކަންކަމަށް ބިނާވާ ހުރިހާ ކަމެއް. ހުނަރާއި މަސައްކަތާއި ގުރުބާނީ އާއި ޕްރޮފެޝަނަލިޒަމް އަދި އަޒުމް. މިއަދު ކްރިސްޓިއާނޯ އަކީ މެޑްރިޑުގެ ރަމްޒު،" ޕެރޭޒް ވިދާޅުވި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް މެޑްރިޑް ނުކުންނާނެ އެވެ. ފުރަތަމަ ލެގުން 3-0 އިން މެޑްރިޑް މޮޅުވިއިރު ރޮނާލްޑޯ ދެ ލަނޑު ޖެހި އެވެ.
ޗެމްޕިއަންސް ލީގުގައި ކާމިޔާބު ލިބުނު ނަމަވެސް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާންގެ މަގާމް މި ސީޒަނަށް ފަހު ގެއްލިދާނެ އެވެ. މި ފަހަރު ސްޕެނިޝް ލީގުގައި އެ ޓީމުގެ ނަތީޖާތައް ދަށެވެ. އެކަމަކު ޕެރޭޒް ވަނީ ޒިދާނަށް ތައުރީފްކޮށްފަ އެވެ.
"އޭނާއާ އެކު ނުވަ ވަނަ ޗެމްޕިއަންސް ލީގު އައީ،" 2002 ވަނަ އަހަރު ކުޅުންތެރިޔެއްގެ ގޮތުގައި ޒިދާން އެ ޓީމަށް ހޯދައިދިން ތަށްޓަށް އިޝާރާތްކޮށް ޕެރޭޒް ވިދާޅުވި އެވެ. "ކޯޗެއްގެ ގޮތުގައި އޭނާ ހާސިލްކޮށްފި މެޑްރިޑުގައި އެއްވެސް މީހަކަށް ހާސިލްނުވާ ކަންތައްތަކެއް. ދެ އަހަރުގެ ތެރޭގައި އަށް މުބާރާތް. އޭނާ އަކީ ފުޓްބޯޅައިގެ ޖީނިއަސްއެއް އަދި އެކަން އޭނާ ދައްކުވައިދީފި."