"ޕްރެޓީ ވުމަން" ގެ ޑައިރެކްޓަރު ގެރީ މާޝަލް މަރުވެއްޖެ
"ޕްރެޓީ ވުމަން" ގެ ޑައިރެކްޓަރު ގެރީ މާޝަލް މަރުވެއްޖެ

"ޕްރިޓީ ވުމަން" އާއި "ރަންއަވޭ ބްރައިޑް" އަދި ދާދި ފަހުން ރިލީޒްވި "މަދާސް ޑޭ" ފަދަ މަޝްހޫރު ފިލްމްތަކުގައި ހޮލީވުޑްގެ އޭ ލިސްޓް ތަރިންނާ އެކު މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު ގެރީ މާޝަލް މަރުވެއްޖެ އެވެ.

އޭނާ މަރުވީ އިއްޔެ އެވެ. މަރުވި އިރު އުމުރަކީ 81 އަހަރެވެ. ގެރީގެ މަރާ ގުޅިގެން މާބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާ މަރުވީ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު މުސްކުޅި ބަލީގައި ކަމަށްވެ އެވެ.

ގެރީގެ މަރާ ގުޅިގެން، އޭނާއާ އެކު "ޕްރިޓީ ވުމަން" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރު ރިޗަޑް ގިއާ ވަނީ ގެރީގެ ހަނދާންތައް އާކޮށް، އޭނާ އާ އެކު ކުރެވުނު ތަޖުރިބާތަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.

"އޭނަކީ އަހަރެންގެ ކެރިއަރުގައި ދިމާވި އެންމެ މުހިންމު އެކަކު. ގެރީއަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެހާމެ ވަރުގަދަ ލިއުންތެރިއެއް. އަދި އޭނާއަކީ ވަރަށް ވަފާތެރި ތެެދުވެރި އަދި އެހާމެ އޯގާތެރި ބައްޕައެއް،" ގިއާ ބުންޏެވެ.

ގެރީގެ މަރުގެ ހަބަރަކާ އެކު ހޮލީވުޑްގެ ވަރަށް ގިނަ މަޝްހޫރު ފަންނާނުން ހިތާމަ ފާޅުކޮށް އާއިލާ އަށް ތައުޒިޔާގެ ޓްވީޓްތައް ފޮނުވާފައިވެ އެވެ.

ގެރީގެ ފަންސާސް އަހަރުގެ ދިގު ފިލްމީ ކެރިއަރުގައި އޭނާ ވަނީ ވަރަށް ރީތި އަދި އެހާމެ މޮޅެތި ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ.

އޭގެ ތެރޭގައި ނެވަ ބީން ކިސްޑް (1999)، ޕްރިންސެސް ޑައިރީ (2001-2004) އަދި ރޭސް ޓް ވިޗް މައުންޓެއިން (2009) ފާގަހަކޮށްލެވެ އެވެ.

ބައެއް ފިލްމްތަކުގައި އެކްޓް ވެސްކޮށްފައިވާ ތިން ކުދިން ތިބި ގެރީ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ މިދިޔަ އެޕްރީލް މަހު ރިލީޒް ކުރި "ދަ މަދާސް ޑޭ" އެވެ.

އެ ފިލްމުގެ ތަރިންގެ ތެރޭގައި ޖޫލިއާ ރޮބަޓްސް، ޖެނިފާ އެނިސްޓަން އަދި ކޭޓް ހަޑްސަން ހިމެނެ އެވެ.