12 އެޕްރީލް 2018 - 07:39

މި އަހަރު ބާއްވާ ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން ފިލްމްތައް ބައިވެރި ކުރުމުގެ ފުރުސަތު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފަ އެވެ.

ސްރީ ލަންކާގައި ބާއްވަމުން އަންނަ ސާކް ފިލްމް ފެސްޓިވަލަކީ ސާކް ކަލްޗްރަލް ސެންޓަރުން އިންތިޒާމުކޮށްގެން، ސާކްގެ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ ފެސްޓިވަލެކެވެ.
އެންސީއޭ އިން ބުނީ މި އަހަރުގެ ފެސްޓިވަލްގައި ރާއްޖެ އަށް ދެ ފީޗާ ފިލްމާއި ދެ ކުރު ފިލްމް ބައިވެރި ކުރުމުގެ ފުރުސަތު ލިބިފައިވާ އިރު، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެކަމަށް އެދޭ ފޯމް އެންސީއޭގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.
މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލް އޮންނާނީ އަންނަ މަހުގެ 22-27 އަށެވެ.
އެންސީއޭ އިން ބުނީ ފެސްޓިވަލްގައި ވާދަކުރާ ފިލްމްތަކުގެ ޑައިރެކްޓަރުންނާއި ފިލްމްގެ އާޓިސްޓުންގެ ތެރެއިން ގިނަވެގެން 4 މީހަކަށް ބައި ވެރިވެވޭނެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
މިދިޔަ އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން ބައިވެރި ކުރި ހަމައެކަނި ފިލްމަކީ ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" އެވެ. އެ ފިލްމުން އޭގެ ބަތަލާ އައިޝަތު ރިޝްމީ ވަނީ ސާކްގެ އެންމެ މޮޅު ބަތަލާގެ މަގާމު ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ ފިލްމް ފެސްޓިވަލްގައި ސާކް ގައުމުތަކުން 16 ފީޗާ އާއި ކުރު ހަތް ފިލްމް ވާދަ ކުރި އެވެ.
މި ފަހުން ސާކް ފިލްމް ފެސްޓިވަލްގައި ދިވެހި ފިލްމްތަކަށް ބޮޑު ކާމިޔާބީތަކެއް ލިބެމުން އަންނަކަން ފާހަގަ ކުރެވެ އެވެ.