ރަކީންގައި ގަތުލްއާއްމު ހިންގި މިއަންމާ ސިފައިންގެ ހަތް މީހުން ޖަލަށް
ރަކީންގައި ގަތުލްއާއްމު ހިންގި މިއަންމާ ސިފައިންގެ ހަތް މީހުން ޖަލަށް

ނޭޕީޑޯ (އެޕްރީލް 11) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންގެ ބަޔަކު ގަތުލްކުރި މިއަންމާ ސިފައިންގެ ހަތް މީހުން ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

މިއަންމާގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ގަތުލްއާއްމު ހިންގި ސިފައިންގެ ހަތް މީހުން 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ ބުރަ މަސައްކަތާ އެކު ކަމަށެވެ. އަދި އެ ގަތުލްއާއްމުގައި ބައިވެރިވި މިއަންމާ ފުލުހުންނާއި އާއްމުންގެ މައްސަލަ މިހާރު ކުރިއަށްދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން އަނިޔާވެރި އަމަލުތައް ހިންގި ކަމަށް އެ ގައުމުން މި އަހަރު ކުރީކޮޅު ވަނީ ފުރަތަމަ ފަހަރަށް އެއްބަސްވެފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅިގެން ރަކީން ދޫކޮށް އަވަށްޓެރި ބަންގްލަދޭޝް އަށް ވަނީ ހަތް ލައްކައެއްހާ ރެފިއުޖީން އެތެރެވެފަ އެވެ. މިއަންމާ ސިފައިންގެ އަނިޔާވެރިކަން އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ.

މިއަންމާ ސިފައިން ހިންގި ގަތުލްއާއްމުގައި މެރި މީހުން ވަޅުލާފައިވާ ކަށްވަޅު ފެނިފައި ވަނީ ސެޕްޓެމްބަރު މަހު ކުރީކޮޅު އެވެ.