ހަމަލާއެއް ދީފާނެތީ ސީރިއާ ސިފައިން ތައްޔާރީ ހާލަތަށް
ހަމަލާއެއް ދީފާނެތީ ސީރިއާ ސިފައިން ތައްޔާރީ ހާލަތަށް

ދިމިޝްގު (އެޕްރީލް 11) - އެމެރިކާ އިން ދީފާނެ އަސްކަރީ ހަމަލާއެއްގެ ބިރަށްޓަކައި ސީރިއާ ސިފައިން ތައްޔާރީ ހާލަތަކަށް ގެނެސްފި އެވެ.

ހަމަލާއެއް ދީފާނެތީ ސީރިއާ ސިފައިން ތައްޔާރީ ހާލަތަށް
ހަމަލާއެއް ދީފާނެތީ ސީރިއާ ސިފައިން ތައްޔާރީ ހާލަތަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސީރިއާގެ އިރުމަތީ ޣޫތާގެ ދޫމާ އަށް ދިން ކްލޯރިން ބެރެލް ބޮމުގެ ހަމަލާއަކީ އެއްވެސް ރަހުމެއް ނެތް އަނިޔާވެރި ހަމަލާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގެ ރައްދު ހިތިވާނެ ކަމަށް ވަނީ އިންޒާރު ދެއްވައިފަ އެވެ.

ޓްރަމްޕް އިއްޔެ ވަނީ ކެބިނެޓާއި ސިފައިންގެ އިސް ޖެނެރަލުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ސީރިއާއާ ގުޅޭ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ނުވަތަ 48 ގަޑިއިރު ތެރޭ މުހިންމު ނިންމުމެއް ނިންމަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ސީރިއާ އާއި އެ ގައުމުގެ ބައިވެރިޔާ ރަޝިޔާ އިން ވަނީ ކެމިކަލް ހަމަލާއެއް ނުދޭ ކަމަށް ބުނެފަ އެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ވިދާޅުވީ ކެމިކަލް ހަމަލާއެއް ދިން ކަމުގެ އަސަރު ދޫމާ އިން ފެންނަން ނެތް ކަމަށެވެ.

ސީރިއާ ސަރުކާރުން މިހާރު ވަނީ އަސްކަރީ ހުރިހާ ސަރަހައްދެއްގައި ސިފައިން ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި އެއާޕޯޓްތަކާއި އަސްކަރީ މަރުކަޒުތައް ވެސް ހިމެނެ އެވެ. އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރެއް ސައިޕްރަސް އިން ސީރިއާ އަށް ނައްޓާލުމާ އެކު ރަޝިޔާގެ ބްލެކް ސީ ފްލީޓް ވެސް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށް އަލް މަސްދަރު ނޫހުން ވަނީ ބުނެފަ އެވެ. ސައުތު ޗައިނާ ކަނޑުގައި އެމެރިކާގެ މަނަވަރު ތިއޮޑޯ ރޫޒްވެލްޓުން ވެސް ވަނީ ތަމްރީނުތަކެއް ފަށައިފަ އެވެ.

ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާގެ އިތުރުން ފްރާންސާއި އިނގިރޭސި ވިލާތުން ވެސް ވަނީ ސީރިއާ އަށް އިންޒާރު ދީފަ އެވެ.

ސީރިއާގެ އަސްކަރީ މަރުކަޒަކަށް ދާދި ފަހުން ވަނީ ވައިގެ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާދީފައި ވަނީ އިޒްރޭލް ސިފައިންގެ އެފް-15 ގެ ޖެޓްތަކުން ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ.