11 އެޕްރީލް 2018 - 06:55

އާދިއްތަ ދުވަހާ ގުޅޭ
އަޔާން އެދުނީ ދެ މީހުންނަށް ކޮފީ ހަދައިގެން ގެންގޮސްދިނުމަށެވެ. އޭނަގެ އެކުވެރިޔާ ހުރުމުން ދެކޮޅު ހަދާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އިރުކޮޅެއް ފަހުން ތަބައް ހިފައިގެން ނިކުތްއިރު ދެ މީހުން ލެޕްޓޮޕް ހުޅުވައިގެން ތިއްބެވެ.
ގޭގެ ދޮރު ހުޅުވުނު އަޑާއެކު އެ ދެ މީހުންގެ ނަޒަރު ވެސް އެ ދިމާއަށް ދަތުރުކޮށްލި އެވެ. ލީނާ އާއި ޒައިދުބެ ވަދެގެން އަންނަތަން ފެނުމުން ތަބައް ބަހައްޓާފައި އަވަހަށް އެ ދިމާއަށް ދެވުނެވެ.
އަހަރެންގެ ސުވާލުތަކަށް ޖަވާބު ދެމުން ލީނާ ބުނީ ހުރިހާ ކަމެއް ރަނގަޅު ކަމަށެވެ.
އެ ދެ މީހުންނަށް ސޯފާތަކާއި ހަމައަށް އާދެވުނުއިރު އަޔާން ވެސް ހުރީ ތެދުވެ އެވެ.
"ޒައިދުބެ! ލީނާ! މީ ނިހާން އަކީ." އަޔާން އެ ތިން މީހުންނަށް އެކަކު އަނެކެއްގެ ތައާރަފް ދިނެވެ.
ނިހާން ހިނިތުންވުމާއެކު ތެދުވެ އެ ދެ މީހުންނާއި ސަލާމް ކުރަން ތައްޔާރުވެލި އެވެ.
"ވާނެ ޕާޓީއަށް ދާން. އަޔާންއާއެކު އަޔާންގެ ފެމެލީ ދިޔައީމަ އިތުރަށް ފުރިހަމަ ވާނެ." ނިހާން އަތް ތިރިކޮށްލާފައި ވާހަކަދެއްކި އެވެ.
"ސާޖީ ވެސް." އަހަރެން ދުރު ބަލަން ހުއްޓާ ނިހާން ވާހަކަދެއްކި އަޑަށް ސިހިފައި ބަލައިލެވުނެވެ.
"އެއީ ތެދެއް. ސާޖީ ވާނެ ދާނެ. ކިހިނެއް އެނގެނީ ވާނެ ގޮތެއް. ފިއުޗަރ ހަޒްބެންޑާ ދިމާވެދާނެ އެ ޕާޓީ ތެރެއިން ވެސް. މީ ވާނެ ސާޖީއަށް އެހެން މީހުންނާ މީޓް ވާން ރަނގަޅު ޗާންސަކަށް." ޒައިދުބެ އަހަރެންނާ ދިމާއަށް އެނބުރެމުން ވާހަކަދެއްކި އެވެ.
އަހަންނަށް އަތް މުށްކަވާލެވުނެވެ. އަޔާން ހުރި ދިމާއަށް ބަލައިލާކަށް ވެސް ނުކެރުނެވެ. މިހާ ރީތިކޮށް ބޭޒާރު ވެދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ނަސީބަކުން ލީނާ އެ ވަގުތު ލަޔާލްގެ ވާހަކަ ސަމާލުކަމަށް ގެނެސް މައުޟޫ ބަދަލުކޮށްލި އެވެ. އޭނައަށް އަހަރެންގެ ހިތުގައި އޮތް އެއްޗެއް އިހްސާސްވީ ނޫންކަމެއް ވެސް ނޭނގެ އެވެ.
ލީނާމެން އެތެރެއަށް ވަންނަން ދިޔައިރު އަޔާންމެން ވެސް އަނބުރާ މަސައްކަތުގެ ތެރޭގައި މަޝްއޫލު ވެއްޖެ އެވެ. އަހަރެން ބެލީ ގެއިން ނިކުންނަން އެއީ އެންމެ އެކަށޭނަ ދަނޑިވަޅުގެ ގޮތުގަ އެވެ. އެކަމަކު ލީނާ އިތުރު ކަމަކަށް ބޭނުންވޭތޯ ބަލައި ހުއްދަ ނުހޯދައެއް ނޫނެވެ.
"އަމް.. ލީނާ!" އަހަރެން އެ ދެ މީހުންގެ ފަހަތުގައި ހުރެފައި ގޮވާލީމެވެ.
ދޮރާ ހަމައިން ލީނާ ހުއްޓުނެވެ. ޒައިދުބެ ވަދެގެން ދިޔައީ އެތެރެއަށެވެ.
ލީނާ އިތުރު ކަމަކަށް ބޭނުންވޭތޯ އަހައި ގެއަށް ދިއުމުގެ ހުއްދައަށް އެދުމުން އޭނަ ބޯ ހޫރައިލީ ދެ ފަރާތަށެވެ.
"ނޯ. ސާޖީ ކައިގެން ދެން ގެއަށް ދާންވާނީ. އަހަރެން މިރޭ ތަންކޮޅެއް ވަރުބަލިކޮށް މިއުޅެނީ ވެސް. ޕްލީޒް ސްޓޭ!" ލީނާ އަހަރެންގެ އަތުގައި ހިފާލައިގެން ހުރެ އާދޭހާ އެކު ވާހަކަދެއްކި އެވެ.
ހިތާ ދެކޮޅަށް އަހަރެން ބޯޖަހާލީމެވެ. ލީނާ ހިނިތުންވެފައި އަހަރެންގެ އަތަށް ފިއްތައިލި އެވެ.
އޭނަ އަހަރެންގެ އަތުން ދޫކޮށްލައިފައި ފުރަގަސްދީ ތަންކޮޅަކަށް ދިޔަ އެވެ. ދެން ފެނުނީ ހުއްޓުނުތަނެވެ. އަހަރެން ސުވާލު އުފެދިފައި ހުއްޓާ އެނބުރުނެވެ.
"ބުނަންތަ ވާހަކައެއް؟ އަޔާން ދިމާ ކުރިއަސް އެހާ ބޮޑަށް އަޅައިނުލާ. އޭރުން އޭނަ ފޫހިވެގެން ހުއްޓާލަފާނެ. އޭނަ އުޅޭތީއެއްނު ސާޖީ މިހާރު މިގޭގަ މަޑުކުރަން ބޭނުން ނުވަނީ." ލީނާ ވިސްނަން ހުރެގެން ވާހަކަދެއްކީމެވެ.
އަހަރެންގެ ޖަވާބަކަށް ވީ އަނެއްކާ ވެސް ބޯ ޖަހައިލުމެވެ.
ލީނާ ހެދުން ބަދަލުކޮށްގެން ނިކުންނަން ވާއިރަށް އަހަރެން ދިޔައީ ބަދިގެއަށެވެ. ލީނާއަށް ފަސޭހަ ވާނެހެން ކުދި ކުދި ކަންތައްތައް ކޮށްލަދީފައި ބަހައްޓަން ނިންމީ އެވެ. ސިންކު ކައިރީ އަތް ދޮންނަން ހުއްޓާ ފިޔަވަޅުގެ އަޑު އައެވެ. އަހަރެން އިސްކުރު ބާރުކޮށްފައި އަތް ފުހެލައިގެން އެނބުރުނީމެވެ.
އަޔާން އައިސް ހުއްޓުނީ ފްރިޖް ކައިރިއަށެވެ. އޭނަ ފެންފުޅިއެއް ނަގައިގެން މޭޒު ކައިރިއަށް އައެވެ.
"ތައްޓެއް ލިބިދާނެތަ؟" އަޔާން އެ ހުރި ހިސާބުން ހުއްޓިފައި އެހި އެވެ.
"އަހަރެން ބޯޖަހާލައިފައި ކައިރީ ހުރި ކަބަޑު ތެރެއިން ހުސްތައްޓެއް ހިފައިގެން ކައިރިވެލީމެވެ.
ތަށީގައި ހިފުމުގެ ބަދަލުގައި އަޔާން ފުޅީގެ މަތި ނެގި އެވެ. އޭނަ ފެން އަޅަންދެން އަހަރެންނަށް ޖެހުނީ ތަށީގައި ހިފަހައްޓައިގެން ހުންނާށެވެ.
"ލަފައެއް ދެންތަ؟" އަޔާން ފެން އަޅަމުން އެހި އެވެ.
އަހަރެންގެ ޖަވާބަކަށް ވީ ހޫމ އަޅުވައިލުމެވެ.
"ޒައިދުބެ ބުނީ ތެދެއް. ޕާޓީއަށް ދަނިކޮށް ފިއުޗާ ހަޒްބެންޑާ ދިމާވެދާނެހެން ވަރަށް ހީވޭ. ހޫ ނޯސް..." އަޔާން އަހަންނާ ހަތަރުކަޅި ހަމަކޮށްލާފައި އެއްބުމަ އަރުވައިލި އެވެ.
އޭނަ ތަށީގައި ހިފުމުން އަހަރެން ޖެހުނީ ފަހަތަށެވެ. ޒައިދުބެ އެވާހަކަ ބުނިފަހުން ލަސްތަކެއް ވެއްޖެ ހެއްޔެވެ؟ އޭނަ އެހެން ބުނިއިރު ވެސް އަޔާން ދިމާކުރާނެކަން އަހަންނަށް ކަށަވަރުވި އެވެ.
"ޔަޤީނުން ވެސް އަހަރެން ބަލާނަން ޕާޓީ ތެރެއިން ސާޖީއާ ދިމާވޭތޯ..." އަޔާން ފެންތަށި ތިރިކޮށްލާފައި ބުނެލި އެވެ.
އެ ތުންފަތަށް ވެރިވި ހިނިތުންވުން ދެކެފައި އަހަރެން ގާތަށް އައީ ފާޑެއްގެ ރުޅިއެކެވެ.
"އަޔާން ކޮންކަމެއް ބޭނުންވަނީ؟" އަހަންނަށް އަމިއްލަ ނަފްސް ހުއްޓުވުމުގެ ކުރިން އަނގައިން ނިކުތެވެ.
ފަހަތަށް ޖެހުމުގެ ބަދަލުގައި އަހަރެން ދެން ޖެހިލީ ކުރިއަށެވެ. އަޔާންއާ ކުރިމަތިލާން އަހަރެން ހުރީ ތައްޔާރަށެވެ.
"އަހަރެން ބޭނުން ވަނީ ސާޖީ." އަޔާން ފަސްޖެހުމެއްނެތި ޖަވާބުދިނެވެ.
އެ އަޑުގައި ސީރިއަސްކަމެވެ. ލޮލުގައި ކުރިން ހުރި ސަމާސަ ގޮތްގަނޑު ވެސް ކެނޑިއްޖެ އެވެ. އަހަރެން ސިކުންތުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ހުރީމެވެ.
"ޔޫ ނޯ ވަޓް؟ އަހަރެން އެ ސުވާލު ކުރިކަން ވެސް ހަނދާން ނައްތައިލާ އަޔާން..." އަޔާން އަށް ޖަވާބު ދީގެން ރަނގަޅު އެއްވެސް ނަތީޖާއެއް ނިކުމެދާނެ ކަމުގައެއް އަހަންނަކަށް ނުފެނުނެވެ.
އިތުރަށް މާހައުލު ހޫނު ނުވަނީސް ދުރަށް ދިއުން ބުއްދިވެރިކަމަށް ފެނުމުން ނިކުންނަން ހިނގައިގަތީމެވެ. އެކަމަކު އަޔާން އެކަމަށް ހުރަސް އަޅަންދެނެވެ. ދޮރާ ހަމަ ނުވަނީސް އަޔާން އައިސް ފަހަތުގައި ހުރެފައި އަތުގައި ހިފާ ހުއްޓުވައިފި އެވެ.
"ސާޖީ އަހަރެން ހަޤީޤަތުގައި ވެސް ސާޖީ ބޭނުން." އަޔާން ކަންފަތްދޮށުގައި ވާހަކަދެއްކިއިރު އަނގައިން ދުވީ ކޮފީގެ މީރުވަހެވެ.
އަހަރެން އަތް ފޮޅުވާލަން އުޅުމުން އޭނަ ހައްތަހާ ބޮޑަށް ބާރުކޮށްލި އެވެ.
"ސާޖީ އަހަންނަށް އެންމެ ޗާންސެއް ދޭންވީނު. އަހަރެން ދެވަނަ ފަހަރަށް ސާޖީގެ އިތުބާރު އަނބުރާ ހޯދާނަން." އަޔާން ވާހަކަ ކުރިއަށް ގެންދިޔަ އެވެ. އެ އަޑުގައި ތެދުވެރިކަމެވެ.
އަހަރެން އިތުރަށް ގަދަނުހަދާ ހިމޭންވުމުން އޭނަ އަހަރެން އަތުން ދޫކޮށްލި އެވެ. ފުން ނޭވައެއް ދޫކޮށްލައިފައި އަހަރެން ޖަވާބު ދޭން ތައްޔާރުވެލީމެވެ. އެ ދިމާއަށް އެނބުރި އަޔާންގެ ލޮލަށް ބަލައިލީ އޭނައަށް ޝައްކުގެ ހަނި ފުރުސަތެއް ވެސް ނުދޭންވެގެންނެވެ.
"އަޔާން. އަހަރެން ގަބޫލުކުރަން އަހަންނަށް ތިރީސް އަހަރުވާން ކައިރިވެއްޖެކަން. އެކަމަކު އަޔާން އަށް ފުރުސަތު ދޭހާ ގޯސް ހާލެއްގައެއް ނޫން އަހަރެންގެ ދިރިއުޅުން އޮތީ." އަހަންނަށް ދެއްކުނު އެންމެ ސީރިއަސް ގޮތުގައި ހުރެ ޖަވާބުދިނީމެވެ.
ވަގުތުން އަޔާންގެ ކުލަ އޮއްސުނެވެ.
ނުނިމޭ