"މުގްލޭ އާޒަމް" ގެ ޓީވީ ސިލްސިލާއެއް ހަދަނީ
"މުގްލޭ އާޒަމް" ގެ ޓީވީ ސިލްސިލާއެއް ހަދަނީ

މީގެ ދުވަސްކޮޅެއް ކުރިން އެކްތާ ކަޕޫރް، ކަރަން ޖޯހަރްގެ ފެމިލީ ޑްރާމާ "ކަބީ ހުޝީ ކަބީ ޣަމް" ގެ ޓީވީ ސިލްސިލާ ވާޝަނެއް ގެނެސް ދޭން އުޅޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މި ފަހަރު މިއޮތީ އަދި އެއަށް ވުރެ ވެސް ބޮޑު އަދި މާ ބޮޑަށް ވެސް ޝައުގުވެރި ފިލްމެއްގެ ސިލްސިލާ ވާޝަނެއް ގެނެސް ދޭން އުޅޭ ވާހަކަ އެވެ.

އެ ފިލްމަކީ 1960 ގައި ރިލީޒް ކުރި "މުގްލޭ އާޒަމް" އެވެ. ދިލިޕް ކުމާރާއި މަދޫބާލާ ލީޑް ރޯލް ކުޅުނު އެ ފިލްމަކީ ހިންދީ ސިނަމާގެ އެންމެ މޮޅު އެއް ފިލްމެވެ. މިއީ ފަނޑުވުމެއް ނެތް، އަބަދަށް ފެހި ފިލްމެކެވެ. ބެލުންތެރިން އަބަދުވެސް އެ ފިލްމެއްގެ ވާހަކަ ދައްކައި ބައު ނުވާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސޮނީ ޗެނެލުން މިހާރު ގެނެސްދޭ ތާރީހީ ސިލްސިލާ "ޕްރިތުވީ ވައްލާބް" ގެ ޓީމުން ވަނީ "މުގްލޭ އާޒަމް" ގެ ސިލްސިލާ ވާޝަނެއް އުފައްދަން ނިންމައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން މިހާރު އަންނަނީ ކަލާޒް ޗެނަލާ ވާހަކަ ދައްކަމުންނެވެ.

މަޝްހޫރު ޓީވީ ތަރި އާޝިޝް ޝަރްމާ ޓައިޓްލް ރޯލުން ފެނިގެންދާ "ޕްރިތުވީ ވައްލާބް" އަކީ އިންޑިއާގެ ޗެނެލަކުން މިހާރު ގެނެސްދޭ އެންމެ ފުރިހަމަ އަދި އެންމެ މޮޅު އެއް ސިލްސިލާ އެވެ. ދެ ރަސްކަމެއްގެ ތެރޭގައި އޮންނަ އަރާރުންގަނޑެއްގެ މައްޗަށް ހަދާފައިވާ "ޕްރިތުވީ ވައްލާބް" އަކީ ވަރަށް ޝައުގުވެރި އެހާމެ ފުރިހަމަކޮށް ގެނެސްދޭ ސިލްސިލާއެކެވެ.

މިދިޔަ ޖެނުއަރީ މަހުގެ 20 އިން ފެށިގެން ދައްކަމުން އަންނަ ގެލެކްސީ ރައިޓާސްގެ ސިލްސިލާ އަށް އެތައް ބަޔަކު އަންނަނީ ތައުރީފު ވެސް އޮއްސަމުންނެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން "މުގްލޭ އާޒަމް" ގެ ޓީވީ ވާޝަން ލިިޔުމުގެ ޒިންމާ "ޕްރިތުވީ ވައްލާބް" ގެ ލިޔުންތެރިންގެ ޓީމްގައި އިސްކޮށް ހިމެނޭ އަނިރުދް ޕަތަކްއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އަދި ސިލްސިލާ ޑައިރެކްޓް ކުރާނީ "ޕްރިތުވީ ވައްލާބް" ގެ ވެސް ޑައިރެކްޓަރު މަގްބޫލް ހާނެވެ. އެ ސިލްސިލާ ބަލާ މީހުން މިހާރު މަގުބޫލް ސިފަ ކުރަނީ، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށް ދޫނުކުރާ ވަރުގެ މޮޅު ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

ކޭ އާސިފް ޑައިރެކްޓް ކުރި "މުގްލޭ އާޒަމް" އަކީ އެ ފިލްމް ނެރުނު ޒަމާނުގައި ކަޅާއި ހުދުން ގެނެސް ދިން ފިލްމެކެވެ ނަމަވެސް 2004 ގައި ވަނީ މީގެ ކުލަ ފިލްމް އަލުން ރިލީޒްކޮށް އެތައް ބައެއްގެ ހިތްތަކުން އަލުން ޖާގަ ހޯދައިފަ އެވެ.