12 އެޕްރީލް 2018 - 07:38

ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރްގެ ދަރިފުޅު ކެރިއާއެއްގެ ގޮތުގައި ކްރިކެޓް ނެގިޔަސް ބަޔަކު ހައިރާނެއް ނުވާނެ އެވެ. ސަބަބަކީ އޭނާގެ ކާފަ މަންސޫރް އަލީ ހާން ޕަޓޯޑީއަކީ ވެސް އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ތަރިއަކަށްވާތީ އެވެ.
އެކަމަކު ކާފަ ވަނީ 2011 ގައި މަރުވެފަ އެވެ. ސައިފް ވެސް ކިޔަވައި ނިމުމުން، ކެރިއާއަކަށް ކްރިކެޓް ނަގަން މަންސޫރު ވަރަށް ބާރު އެޅި އެވެ. އެކަމަކު ބައްޕަގެ ފިޔަވަޅު މަތިން ހިނގުމުގެ ބަދަލުގައި އޭނާ ބޭނުންވީ މަންމަ ޝަރްމީލާ ޓެގޯރް ފަދައިން ފިލްމީ ތަރިއަކަށް ވާށެވެ. ހަމަ އެގޮތަށް ސައިފް ދޮށީ އަންހެން ދަރިފުޅު ސާރާ އަލީ ހާން ވެސް ދެން މާ ލަސްތަކެއް ނުވެ، ބޮޑު ސްކްރީނަށް ތައާރަފު ވާނެ އެވެ.
ދެން ހުރީ ސައިފްގެ ދޮށީ ފިރިހެން ދަރި އިބްރާހީމް އަލީ ހާނެވެ. މިހާރު ވެސް ބެލެވޭ ގޮތުން އޭނާ ވެސް ވާނީ ފިލްމީ ތަރިއަކަށެވެ.
ޝާހްރުކް ހާންގެ ހަގު ފިރިހެން ދަރިފުޅު އަބްރަމް ހޮކީގެ ތަރިއަކަށް ވާން ބޭނުންވާ ކަމަށް ޝާހްރުކް ހާން ބުނެފައި ވަނިކޮށް ކަރީނާ އަށް ވެސް ނޫސްވެރިންގެ ވަނީ ތައިމޫރް ބޮޑުވެގެން ކުރިއަށް ދާން އުންމީދުކުރަނީ ކޮން ދާއިރާއަކުންތޯ އެވެ.
"ތައިމޫރް ކުރިއަށް ދާނެ ދާއިރާއެއް އަހަންނެއް ނުނިންމާނަން. އެ އިހުތިޔާރު އޮންނާނީ އޭނަ އަށް،" އެއް އަހަރުގެ އަހަރުގެ ދަރިފުޅާ ބެހޭ ގޮތުން ކަރީނާ ބުންޏެވެ. "އެކަމަކު އަހަރެން ވަރަށް ބޭނުން ތައިމޫރް ކްރިކެޓް ކުޅުންތެރިއަކަށް ވާން."
ދާދި ފަހުން ސައިފް ބުނި ގޮތުގައި ތައިމޫރާ ބެހޭ ގޮތުން ވާހަކަތައް ދައްކަން އަދި މާ އަވަހެވެ. އެކަމަކު އޭމާ ވަނީ ދަރިފުޅު އިނގިރޭސިވިލާތުގެ ބޯޑިން ސްކޫލަކަށް ފޮނުވަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.
"އެކަމާ ބެހޭ ގޮތުން އަހަންނާއި ކަރީނާ ވަނީ މަޝްވަރާކޮށް ގޮތެއް ވެސް ނިންމާފައި. އަހަރެމެން އާއިލާގެ ހުރިހާ ކުދިންހެން ކިޔެވީ އިނގިރޭސިވިލާތުގެ ބޯޑިން ސްކޫލްތަކުން،" ސައިފް ބުންޏެވެ. "އެހެންވެ އެ މަގުން ތައިމޫރް ވެސް ދާން ޖެހޭނެ ކަމަށް އަހަރެން ގަބޫލު ކުރަނީ."