10 އެޕްރީލް 2018 - 23:07

ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫން ބާއްވާ މި އަހަރުގެ މަސް ރޭސް ލޯންޗުކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި މި އަހަރުގެ ރޭސް ލޯންޗުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރުގެ ނައިބު ޝާހު އިސްމާއިލެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް އަހުމަދު ނިޔާޒު ވިދާޅުވީ މީގެ ކުރިން އުރީދޫގެ މަސް ރޭސް ބޭއްވީ މާލެ ސަރަހައްދުގައި އެކަނި ކަމަށެވެ. ނަމަވެސް މަސް ރޭހުގެ އެކި ބުރުތައް ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް އޮންނާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ މަސް ރޭހުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އޮންނަ ގުޅުން ބަދަހިވެ މަސްވެރިކަމަށް ދިވެހީން އޮންނަ ލޯބި އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މި އަހަރުގެ ރޭހުގައި 10 އިވެންޓް އޮންނާނެ އެވެ. މި މަހުގެ ފަހުކޮޅު މަސް ރޭސް ފަށާއިރު އެންމެ ފަހު ބުރުތައް އޮންނާނީ ޖޫން މަހު އެވެ.
ނިޔާޒު ވިދާޅުވީ ކުންފުނިތަކަށާއި ރިސޯޓުތަކާއި އޮފީސްތަކަށް ވެސް އެ ރޭހުގައި ބައިވެރިވެވޭނެ ކަމަށެވެ. ނަމަވެސް ބައިވެރިވުމަށް ފަހުން ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.
މިއީ އެ ކުންފުނިން ބާއްވާ އަށް ވަނަ މަސް ރޭހެވެ. މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވި ދެ އަހަރު މަސް ރޭސް ބޭއްވިފައެއް ނުވެ އެވެ.