10 އެޕްރީލް 2018 - 20:48

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށްޓަކައި މަސައްކަތް ކުރެއްވުނީތީ ހިތާމަ ކުރައްވާ ކަމަށާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނު އަމަލު ކުރައްވަނީ އުއްމީދު ކުރެއްވި ގޮތަށް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަނީސާ އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫންގެ އިތުރުން އުއްމަތަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ވަގުތު، އެ ސަރަހައްދަށް ވަޑައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން އަނީސާ ވިދާޅުވީ، ރައީސް ޔާމީނަކީ ހަމަ އާއި އުސޫލުގެ ތެރެއިން އަދި ގާނޫނުތަކުގައިވާ ގޮތަށް މަސައްކަތްޕުޅު ކުރައްވާނެ ބޭފުޅެއް ކަމަށް ދެކެވަޑައިގެންނެވި ކަމަށެވެ. އަދި ގައުމަށް ހެޔޮ އެދިވަޑައިގެން ތަރައްގީ ގެންނަވާނެ ބޭފުޅެއް ކަމަށް ވެސް އުންމީދު ކުރެއްވި ކަމަށް ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު މައުމޫނާ ގާތްގުޅުމެއް އޮންނަ އަނީސާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުގެ ނަޒަރުގައި އެމަނިކުފާނު [ރައީސް ޔާމީން] މަސައްކަތްޕުޅު ކުރައްވަނީ އެގޮތަކަށް ނޫން. އެހެންވީމާ އެކަމާ އަޅުގަނޑު ވަރަށް ހިތާމަ ވެސް ކުރަން،" ރައީސް ޔާމީނާ އެކު މައުމޫންގެ ސަރުކާރުގެ ކެބިނެޓުގައި ވެސް މަސައްކަތް ކުރެއްވި އަނީސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް މައުމޫން ވެސް މަސައްކަތްޕުޅު ކުރެއްވީ ގައުމަށް ތަރައްގީ ގެންނަވާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.
މިއީ ރައީސް ޔާމީންގެ ސަރުކާރާ މެދު ހިތްހަމަޖެހިވަޑައިނުގެން، ފެމެލީ ޕްރޮޓެކްޝަން އެޖެންސީގެ ބޯޑާއި ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ޗެއާޕާސަން ކަމުން މިދިޔަ ފެބްރުއަރީ 6 ގައި އިސްތިއުފާ ދެއްވި ފަހުން، މިހާ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ޔާމީނަށް، އަނީސާ ފާޑުވިދާޅުވި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކުރެވެ އެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އަނީސާ ވިދާޅުވީ، އޭރު އެ ބޭފުޅުން އެ މަސައްކަތް ކުރެއްވިއިރު ގެންގުޅުއްވި މަފްހޫމާ އެއްގޮތަށް މިހާރު ކަންކަން ކުރަމުން ނުދާ ކަމަށެވެ.
އަނީސާ ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި "ގާނޫނުއަސާސީ އަކީ މިހާރު ނެތް އެއްޗެކެ"ވެ.
"ގާނޫނުއަސާސީގެ ފައިމައްޗަށް އަރައިގެންހެން އަޅުގަނޑަށް ހީވަނީ މިހާރު ކަންތައްތައް ކުރަމުން މި ގެންދަނީ. ގާނޫނުއަސާސީ ފުނޑުފުނޑުކޮށްލައިގެން އުޅޭ ބަޔަކު އަޅުގަނޑު ދެކޭގޮތުގައި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ނުހިތާނެ. ގާނޫނާއި ގަވާއިދުގެ ބޭރުން މިކަން ކުރަމުން މި ގެންދަނީ،" އަނީސާ ވިދާޅުވި އެވެ.
މައުމޫންގެ މައްޗަށް ހިންގާ ޝަރީއަތާ ގުޅޭ ގޮތުން އަނީސާ ވިދާޅުވީ، މައުމޫންގެ މައްޗަށް ދައުވާކޮށްފައި ވަނީ ވެސް އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަވުމެއް ނެތި ކަމަށެވެ.
އަނީސާ ވިދާޅުވި ގޮތުގައި، ހަމަހަމަކަމާ އެކު ކަންކަން ކުރި ނަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، މައުމޫން ހައްޔަރު ކުރާކަށް ނުޖެހޭނެ އެވެ. އަދި ވިދާޅުވީ މައުމޫންގެ މައްޗަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވަރަށް ގިނަ ހެއްކާއި ގަރީނާ ހުރި ކަމަށް ފުލުހުން ބުނަމުން އައި ނަމަވެސް އެ ތަކެތި ހުރި ނަމަ މިހާ ގިނަ ދުވަސްތަކެއް ވަންދެން މައުމޫން ހައްޔަރު ކުރަން ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މީގެ ކުރިން ކަންތައް ކޮށްފައި ހުންނަ ގޮތަށް ބެލިޔަސް މީހެއްގެ މައްޗަށް ތުހުމަތު ކުރެވިގެން، ޕްރޮސެކިއުޝަނާ ހަމަ އަށް ގޮސްގެން ޝަރީއަތް ކުރުމާ ހިސާބަށް ދާއިރު އެ މީހަކު ހުންނާނީ މިނިވަންކަމާ އެކު. މިހާރު އެހެނެއް ނޫން. ހައްޔަރުގައި ބަހައްޓައިގެން މިކަން ކުރާތީ އަޅުގަނޑު ދެކެނީ އަދިވެސް މިއީ ގާނޫނީ ހަމަތަކުގެ މަތިން ކުރާ ކަމެއް ނޫން ކަމަށް،" އަނީސާ ވިދާޅުވި އެވެ.
"ޔަގީނުން ވެސް އަޅުގަނޑަށް އެނގޭ އެއްޗަކީ އެހެން ނަމަ މިގޮތަކަށް ނޫނޭ ކަންކަން ކުރިއަށް ގެންދަވާނީ. އެ ޑިއު ޕްރޮސެސްއެއް ފޮލޯއެއް ނުކުރޭ މިހާރު އެއްގޮތަކަށް ވެސް."