"ޓްރިޕްލް އެކްސް" ގެ ޓްރެއިލާ ވަރަށް ވަރުގަދަ
"ޓްރިޕްލް އެކްސް" ގެ ޓްރެއިލާ ވަރަށް ވަރުގަދަ

އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެފައިވާ އެކްޝަން ފިލްމް "ޓްރިޕްލް އެކްސް: ދަ ރިޓާން އިފް ޒެންޑަ ކޭޖް" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ މަންޒަރުތަކާ އެކު، ޓްރެއިލާ އިއްޔެ ދައްކާލި އިރު، މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20ގަ އެވެ.

ޓްރިޕްލް އެކްސްގެ ކުރީގެ ފިލްމެކޭ އެއްގޮތަށް "ރިޓާން އޮފް ޒެންޑަ ކޭޖް" ގެ އެންމެ މުހިއްމު ރޯލަކުން މި ފަހަރު ވެސް ފެނިގެން ދާނީ ވިން ޑީސަލް އެވެ. އޭނާއާ އެކު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ވެސް މި ފަހަރު ފެނިގެން ދާނެ އެވެ.

މި ފިލްމަށް މި ފަހަރު ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ސަބަބަކީ ވެސް މިއީ ދީޕިކާ ފެނިގެންދާ ފުރަތަމަ ހޮލީވުޑް ފިލްމަށް ވުމެވެ. އޭނާގެ ވެސް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެން ދާނެ އެވެ.

ޑީޖޭ ކަރޫސޯ ޑައިރެކްޓްކޮށްފައިވާ "ރިޓާން އޮފް ޒެންޑަ ކޭޖް" ގެ ކާސްޓުންގެ ތެރޭގައި ސެމްއެލް އެލް ޖެކްސަން، ނީނާ ޑޮބްރޭވް، ރޫބީ ރޯޒް، ޓޯނީ ޖާ، ކްރިސް ވޫ އަދި ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ ޖޫނިއާ ހިމެނެ އެވެ.

"ރިޓާން އޮފް ޒެންޑަ ކޭޖް" އަކީ ޓްރިޕްލް އެކްސްގެ ތިން ވަނަ ފިލްމެވެ. މީގެ ފުރަމަ ފިލްމް ރިލީޒް ކުރީ 2002 ގަ އެވެ. އަދި ދެވަނަ ފިލްމް "ސްޓޭޓް އޮފް ދި ޔުނިއަން" ސިނަމާތަކަށް އައީ 2005 ގަ އެވެ.