10 އެޕްރީލް 2018 - 17:02

ކޮލަމްބޯ (އެޕްރީލް 10) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ އެސްއެލްއެފްޕީން މިއަދުގެ ކެބިނެޓް ބައްދަލުވުން ބޮއިކޮޓްކޮށްފި އެވެ.
ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ސެންޓްރަލް ކޮމިޓީން އެ ގޮތަށް ނިންމާފައި ވަނީ ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ސިރިސޭނާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ކެބިނެޓް ބައްދަލުވުން އެސްއެލްއެފްޕީން ބޮއިކޮޓްކޮށްފައި ވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ މިނިސްޓަރުންގެ ބަހުގެ ހަމަލާތަކާ ގުޅިގެންނެވެ.
ޔޫއެންޕީގެ މިނިސްޓަރުން ވަނީ އެސްއެލްއެފްޕީގެ މިނިސްޓަރުންގެ ތެރޭން ރަނިލް މަގާމުން ދުރުކުރަން ވޯޓު ދިން އެންމެން ކެބިނެޓުން ވަކި ކުރަން ގޮވާލައިފަ އެވެ. އަދި ކެބިނެޓުގައި އެ މީހުން ތިބުމުގެ ހައްގެއް ނެތް ކަމަށް ވެސް ވަނީ ޔޫއެންޕީން ބުނެފަ އެވެ. މި ގޮތުން ރަނިލްއާ ދެކޮޅަށް ވޯޓު ދިން އެސްއެލްއެފްޕީގެ 15 މިނިސްޓަރުން ވަކިކުރަން ޔޫއެންޕީން ވަނީ ސިރިސޭނާ އަށް ދަންނަވައިފަ އެވެ.
އެސްއެލްއެފްޕީން ބުނީ ކޯލިޝަން ސަރުކާރުގައި ދެމިތިބުމާ މެދު ގޮތެއް ނިންމަންދެން ކެބިނެޓުގެ ބައްދަލުވުންތައް ބޮއިކޮޓް ކުރާނެ ކަމަށެވެ.
އެސްއެލްއެފްޕީގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމުގައި ގިނަ މެންބަރުން ވަނީ ކޯލިޝަނުން ވަކިވުމަށް ތާއިދުކޮށްފަ އެވެ. ރައީސް ސިރިސޭނާ ވަނީ އަވަސް ނިންމުމެއް ނުނިންމުމަށް އެދިވަޑައިގެންފަ އެވެ. ސެންޓްރަލް ކޮމިޓގެ ބައްދަލުވުމެއް މާދަމާ ވެސް ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.